17 Jul 2023, 16:18
ޖިއްދާ (17 ޖުލައި 2023): ތެލުގެ ދާއިރާ ނޫން އެހެން ދާއިރާތަކުގެ އިސްވެސްޓްމަންޓްތައް ސައޫދީ އަރަބިއާގައި ކުރަން ތައްޔާރަށް އޮތްކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވެއްޖެއެވެ.
ސައޫދީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖިއްދާއަށް ވަޑައިގެން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރެއްވުމަށްފަހު ކިޝީދާ ވިދާޅުވީ ތެލާއި ހަކަތައިގެ ދާއިރާ ފިޔަވައި އިގްތިސާދީ، ޓެކްނޮލޮޖީ، ސިއްހަތު އަދި ތައުލީމު ފަދަ ދާއިރާތަކުގައި ސައޫދީގައި ފުޅާދާއިރާއެއްގައި އިންވެސްޓްކުރަން ޖަޕާން އޮތީ ތައްޔާރަށް ކަމަށެވެ.
ސައޫދީ ސިއްހީ ދާއިރާއަށް ބަލާއިރު އެދާއިރާ މިހާރަށްވުރެ އިތުރަށް ތަރައްގީކޮށް އެގައުމުގެ ސިއްހީ ދާއިރާއަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކޮށް ޑިޖިޓަލް ކުރުމަށާއި މެޑިކަލް ރީސާޗްގެ ދާއިރާގައި ޖަޕާނުގެ ކުންފުނިތަކަށް ސައުދީގައި ބޮޑެތި ފުރުސަތުތަކެއް ހުރިކަން ސައޫދީ ވަލީއުލްއަހްދުގެ ފަރާތްޕުޅުން ކަށަވަރުވި ކަމަށް ކިޝީދާ ވިދާޅުވިއެވެ. މިއާއެކު ތެލުގެ ދާއިރާ ނޫން އިސްވެސްޓްމަންޓްތައް ސައޫދީގައި ކުރުމުގެ އެއްބަސްވުންތަކެއްގައި ސައޫދީއާއެކު ސޮއިކުރުމަށް ރޭވިފައިވާކަން ކިޝީދާ ހާމަކުރެއްވިއެވެ.
ސައޫދީގައި ތެލުގެ ސިނާއަތު ގާއިމްކުރެވުނުތާ 70 އަހަރު ވޭތުވެފައިވާއިރުވެސް އެގައުމަށް މައިގަނޑު އާމްދަނީ އަދިވެސް ލިބޭ ސިނާއަތަކީ ތެލުގެ ސިނާއަތެވެ. އެނޫން ސިނާއަތެއް ފުޅާދާއިރާއެއްގައި ސައޫދީގައި ތަރައްގީ ކުރެވިފައެއް ނުވެއެވެ.
ސައޫދީއަކީ ދަނޑުވެރިކަމާއި އައިޓީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި އުމްރާނީ ތަރައްގީގެ ދާއިރާއާއި އާންމު ސިނާއަތުގެ ދާއިރާތައް ތަރައްގީކުރުމުގެ ފުރުސަތު އޮތް ގައުމެކެވެ. މިދާއިރާތައް ތަރައްގީކޮށް މިދާއިރާތަކުން ބޮޑު އާމްދަނީއެއް ހޯދުމަކީ ސައޫދީން އެކުލެވާލާފައިވާ ވިޝަން 2030ގައި ހިމެނޭ ކަމެކެވެ. މި ދާއިރާތަކުގައި އިންވެސްޓް ކުރުމަށް ސައޫދީވަނީ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކަށް މިހާރު ހުޅުވާލާފައެވެ.
ޖަޕާނަކީ އެގައުމަށް ބޭނުންވާ ހަކަތައިގެ ބޮޑުބައެއް ސައޫދީއަށް ބަރޯސާވާ ގައުމެކެވެ. ސައޫދީން އެކުލެވާލާފައިވާ ވިޝަން 2030ގެ އަމާޒަކީ އެގައުމުގައި ގިނަ އަދަދެއްގެ ސިނާއީ އިންފްރާސްޓްރަކްޗަރު ގާއިމްކޮށް އާންމުކޮށް ބޭނުންވާ ގިނަ ތަކެތި އަމިއްލައަށް އުފެއްދުމާއި މިހާރު ލިބޭ އާމްދަނީ ޑަބަލްކުރުމެވެ.
ސައޫދީ ތައުލީމީ ދާއިރާއަކީވެސް ރީސާޗް އާއި އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ވައިޓަލް ދާއިރާއަކަށް ހެދުމަކީ ސައޫދީން އެކުލެވާލާފައިވާ ވިޝަން 2030ގެ އަމާޒެކެވެ. ޚާއްސަކޮށް ފަންނީ ތައުލީމަށް އިސްކަންދީ ފަންނީ ގޮތުން ގިނަ ބަޔަކު ތަމްރީންކުރުން މި ވިޝަންގައި ހިމެނެއެވެ.
ނަމަވެސް ޒަމާނުއްސުރެ ސައޫދީއަކީ ހަމައެކަނި ތެލުގެ މައްޗަށް އާމްދަނީ ބަރޯސާވާ ކޮންޒިއުމާ މުޖްތަމައަކަށްވުމުން ތެލުން ލިބޭ އާމްދަނީއާ އެއްވަރުގެ އާމްދަނީއެއް އެހެން ދާއިރާތަކުން ހޯދުމަކީ ސައޫދީއަށް ފަސޭހަ ކަމެއްނޫނެވެ.
ސައޫދީ މިފަހަކަށް އައިސްވަނީ ހަމައެކަނި އެމެރިކާގެ މައްޗަށް ބަރޯސާވާގޮތަށް ޒަމާނުއްސުރެ އޮތް އެގައުމުގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. މީގެތެރޭގައި އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި އީރާންފަދަ ސަރަހައްދީ ބާރުތަކާ ގުޅުންތައް ބަދަހިކުރުމާއި ހަނގުރާމަތަކާ ދުރަށް ދިޔުމުގެ ސިޔާސަތެއް ގެންގުޅެން ފެށުން ހިމެނެއެވެ. އަނެއްކޮޅުން ދީނުގެ ނަމުގައި މަނާކޮށްފައިވާ އިޖުތިމާއީ އެތައް ކަމެއްވެސް ސައޫދީގައި މިހާރުވަނީ ހުއްދަކޮށްފައެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ ގަލްފުގެ ދަތުރުފުޅުގައި ސައޫދީއަށްފަހު ޔޫއޭއީ އާއި ގަތަރަށް ޒިޔާރަތް ކުރައްވާނެއެވެ.