މި ސަރުކާރުން ތަރައްގީގެ މަޝްރޫތައް ހިންގީ ފިކުރުގެ ގޮތުން ޚިޔާލު ތަފާތު ރަށްތައް ބާކީނުކޮށް ކަމަށާއި، އެ ކަން ވ. ފެލިދޫއަށް ސަރުކާރުން ގެނައި ތަރައްގީއިން ހާމަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވ. އަތޮޅަށް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ފެލިދުށް ވަޑައިގެން ރައީސް ވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މި ރަށުން ނިކުތް ނަތީޖާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ރަށުގެ ރައްޔިތުންގެ ފިކުރަކަށް ނުބަލައި ތަރައްގީ ގެނެސްދޭނެ ކަމަށާއި އެއީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއެއްގެ ބޭނުންކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ރަށަށް ފާއިތުވި ފަސް އަހަރު އައި ބަދަލާމެދު ވިސްނުމަކީ މުހިންމު ކަމެއް ކަމަށެވެ. ރަށުގައި މި ވަގުތު ހިނގާ މަސައްކަތްތަކާއި، ކުރިއަށް ކުރަން ހުރި މަސައްކަތްތައް ކުރެވޭނީ މި ސަރުކާރު އަލުން އިންތިޚާބު ކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތް ވޯޓު މުހިންމުވަނީ އެ ސަބަބާހެދި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ފެލިދޫ ރައްޔިތުންގެ ކިބައިން ބާކީވެވަޑައިނުގަންނަވާށޭ. އަޅުގަނޑުމެންނާއެކު ވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވިއެވެ.

މިއީ ފެލިދޫއަށް މި ރިޔާސީ ދައުރުގައި ވަޑައިގެންނެވުނު ތިންވަނަ ފަަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ކަންކަން ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް އިސްކަންދެއްވާކަމަށެވެ.

މި ސަރުކާރުން ފެލިދޫގައި 14 މަޝްރޫއެއް ހިންގައިފައިވެއެވެ. އޭގެ ތެރޭގައި ބަނދަރުގެ މަސައްކަތާއި ފެނުގެ ނިޒާމުގެ މަސައްކަތް ހިމެނެއެވެ.

ރައީސް ވަނީ މި އަތޮޅުގައި ހިންގާ ޓޫރިޒަމްގެ ބޮޑު ޕްރޮޖެކްޓާ އެކު މި ރަށުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ކަމަށެވެ.

އަދި, އަތޮޅުގެ ރައްޔިތުން ބޭނުންވާ ގޮތަށް ޕިކްނިކް ރަށެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.