ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ކަމަށްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ވާދަކުރަން ނުކެރޭނަމަ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރުމަށް އެދޭ ކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ތާވަލްކުރުން ލަސްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަން ޕީޕީއެމް ޕީއެންސީގެ ބައެއް މެމްބަރުންނާއެކު މިއަދު ހައިކޯޓަށް ވަޑައިގަތުމަށްފަހުއެވެ.

ރައީސް ޔާމީންގެ ޝަރީއަތާމެދު ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ހިއްސާކުރައްވާ އަދުރޭ ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށެވެ.

އެގޮތުން އެތައް ދުވަހެއްގެ މަތިން ހައިކޯޓަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދިޔަ ނަމަވެސް އެ ފަރާތްތަކާ ބައްދަލުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިޚާބަށް ކުރިމަތިލުން ހުޅުވާލަން ފަސް ދުވަހަށް ވެފައި ވަނިކޮށް ރިޔާސީ ކެންޑިޑޭޓަކު ޖަލުގައި ބަހައްޓަންވީ ސަބަބެއް ނުވިސްނޭކަމަށް އަދުރޭ ވިދާޅުވިއެވެ.

"ދެހާސް އަށާރަ ވަނަ އަހަރު [ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް] ބަހުސަށް ވަޑައިނުގަތުން ކަހަލަ ކަމެއް މީ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ކެމްޕެއިނަކީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ވެސް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

ޝަރުއީ ނިޒާމަށް ފާޑު ވިދާޅުވެ އަދުރޭ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ އިންސާފުވެރި ޝަރުއީ ނިޒާމެއް ގެނެސްދިނުމަށް ވައުދުވެގެން ކަމަށެވެ. ނަމަވެސް، މިއަދު ފެންނަ މަންޒަރު މުޅިން ތަފާތުކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި ފެންނަނީ ތިމާ ބޭނުންވާ މީހާއަށް އަނިޔާ ދީފަ ތިމާ ބޭނުންވާ މީހަކީ ކިތަންމެ ބޮޑު ކުށްވެރިއަކަށް ވިޔަސް އޭނަ ސަލާމަތް ކުރާތަން،" އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްއިން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު އަރުވަފައި ވަނީ، މިދިޔަ އަހަރު އޯގަސްޓް މަހުގެ 19 ވަނަ ދުވަހެވެ. ނަމަވެސް މަނީ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެއެވެ.