17 Jul 2023, 12:15
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ބޭރުގެ ގިނަ ގައުމުތަކާއި ޖަމިއްޔާތަކުން އެދިފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީން)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އިންތިޚާބު އޮބްޒާވް ކުރުމަށް އާންމުކޮށް ހުޅުވާލި ފުރުސަތާ ގުޅިގެން، ދުނިޔޭގެ އެކި ޖަމިއްޔާ، ޖަމާޢަތްތަކާއި، އެކިއެކި ގައުމުތަކުން އެ ކޮމިޝަނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައި ވާކަމަށެވެ.
އެގޮތުން ޔޫއެން، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫއެސް އެއިޑް، އައިއެފްއީއެސް އާއި، އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، އިނގިރޭސި ވިލާތް އަދި އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ކޮމިޝަނާ ބައްދަލު ކުރައްވާފައި ވާކަމަށް އީސީން ބުންޏެވެ.
އީސީން ބުނިގޮތުގައި، އެ ބައްދަލުވުންތަކުގައި އިންތިޚާބު އޮބްޒާވް ކުރެއްވުމާ ބެހޭގޮތުންނާއި، އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފައި ވެއެވެ. އަދި ދެފުށް ފެންނަ، އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން، ބައެއް ޖަމާއަތްތަކުންނާއި ގައުމުތަކުން އިންތިޚާބުގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.
މިދިޔަ ހަފުތާގައި ކޮލަމްބިޔާގައި ބޭއްވި ދުނިޔޭގެ އިލެކްޝަންސް ޖަމްޢިއްޔާ އޭވެބްގެ އެގްޒެކްޓިވް ބޯޑު މީޓިންގައި ވެސް އީސީން ބައިވެރިވެފައިވާކަން ހަބީބު ވަނީ ފާހަގަކުރައްވާފައެވެ. އެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އާ ވެސް ބައްދަލު ކުރައްވައި، ރިޔާސީ އިންތިހާބު އޮބްޒާވް ކުރެއްވުމާއި، ގުޅުން ބަދަހި ކުރުމުގެ މަޝްވަރާ ކޮށްފައި ވެއެވެ.
"ޔޫއެންޑީޕީ އިންނާއި، އީޔޫގެ ޑެލިގޭޝަނުންނާއި، ކޮމަންވެލްތުގެ ޕްރީ އެސެސްމެންޓް މިޝަން ގެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް އިންތިޚާބު އިންތިޒާމުތައް ރޭވެމުންދާ ގޮތާއި، މަސައްކަތްތައް ކުރިއަށްދާގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ. މިގޮތުން، ކޮމަންވެލްތުގެ ޓީމުން 'އުންމީދުއޮތް' ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތާ ބެހޭ ގޮތުން ވެސް މައުލޫމާތު ހޯއްދަވާފައިވޭ،" ހަބީބުގެ ޓުވީޓުގައި ވެއެވެ.
އޭނާ ވިދާޅުވީ، ބޭރުގެ ވީހާވެސް ގިނަ ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރެއްވުމަކީ، އިންސާފުވެރި ކަމާއެކީގައި އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
ރިޔާސީން އިންތިޚާބް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހެވެ. މި އަހަރުގެ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.