17 Jul 2023, 10:03
ޑާކްރެއިން އެންޓަޓެއިންމަންޓްގެ މުޅިން އައު ފިލްމު، "ފުރޭތަ"ގެ ޓްރެއިލާ ބެލުންތެރިންނާ ހަމައަށް ދޫކޮށްލައިފިއެވެ.
މި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ކުރި މަރާލަން ބޭނުން ނުވާތީ މާ ބޮޑު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް، މިއީ ބިރުވެރި ފިލްމެއް ނޫންކަން އޭނާ ޔަގީންކޮށްދެއެވެ.
"ބިރުވެރި ފިލްމެއް ނޫން މިއީ، އެކަމަކު ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ވަޔަލެންޓް ފިލްމަށް ވާނެ،" މޮގާ ބުންޏެވެ.
ފިލްމުގެ ޓްރެއިލާގައި ވެސް ފެންނަނީ ޝައުގުވެރި މަންޒަރުތަކެކެވެ. ފިލްމު ބަލާލަން ކެތްމަދު ކުރުވާފަދަ މަންޒަރުތަކެކެވެ.
ތަޅާފޮޅުމުގެ މަންޒަރުތަކެއް ފެންނައިރު، ލޭ އޮހޮރުވުމުގެ މަންޒަރެއް ވެސް ދައްކުވައިދެއެވެ. ފިލްމުގެ މެއިން ރޯލުން ފެންނަނީ ޒުވާން ބަތަލް ޝަރަފުއްދީން އަބްދުﷲ (ޝަރަފް)އެވެ.
ފިލްމުގެ ޓްރެއިލާގައި ތަޖުރިބާކާރު އެކްޓަރުންތަކެއް ވެސް ވަނީ ފެނިލައިފައެވެ. އޭގެ ތެރޭގައި، ރަވީ ފާރޫގް، އަހްމަދު ސައީދު އަދި މުހައްމަދު މަނިކު ހިމެނެއެވެ.
އަލީ ޝިފާއު ޑައިރެކްޓުކޮށްފައިވާ މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.