އަލް ނަސްރަށް ޕޯޓޯގެ މިޑްފީލްޑަރު އޮޓާވިއޯ ގެންދިއުމަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މަސައްކަތްކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ދާދި ފަހުން ހަބަރުތައް ބުނެފައިވާ ގޮތުގައި ޕޯޗުގަލް ގައުމީ ޓީމަށް އެކުގައި ކުޅޭ އުމުރުން 28 އަހަރުގެ އޮޓާވިއޯ ގެންދިއުމަށް އޭނާއާ ރޮނާލްޑޯ ވަނީ ވާހަކަދައްކައިފައެވެ. ނަމަވެސް ރުޅިވެރި ރާގެއްގައި ރޮނާލްޑޯ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

"އަހަރެން ބައިވަރު ކުޅުންތެރިންނާ ވާހަކަދައްކަން. އެކަހަލަ ވާހަކައެއް އޮޓާވިއޯއާ ދައްކާފައެއް ނުވާނެ. އަހަރެންނަކީ އޭނާގެ އެޖެންޓެއް ނޫން. އަހަރެމެން ސްކޮޑު ވަރުގަދަކުރާނެ، އެއީ ޔަގީންކަމެއް. އެކަމަކު އަދި މިވަގުތަށް ކުޅުންތެރިއެއްގެ ނަމެއް ނެތް. ދައްކަމުން އެ ދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް،" ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.

ސައުދީ އަރަބިއާގެ ކްލަބުތަކުން އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން ދުނިޔޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ވަނީ ގެންގޮސްފައެވެ. އެގޮތުން އަންނަ ސީޒަނުގައި ސައުދީ ޕްރޯ ލީގުން ފެންނާނެ ބައެއް ކުޅުންތެރިންގެ ތެރޭގައި ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އާއި މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭސް އަދި އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ވެސް ފާހަގަކޮށްލެވެއެވެ.

އޮޓާވިއޯ ޕޯޓޯއަށް ކުޅޭތާ މިހާރު ނުވަ އަހަރު ވެފައިވާ އިރު، އޭނާ އެ ކްލަބާއެކު އެންމެ ފަހުން ހެދި ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އެބައޮތެވެ. އަލް ނަސްރުން އޭނާ ހޯދަން ބޭނުންވާ ނަމަ، ޕޯޓޯއަށް 31 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅަން ޖެހޭނެއެވެ.