03 May 2012, 14:07
ޒިންމާދާރުގޮތެއްގައި ހިޔާލު ފާޅުކުރުމަށް މަގުފައިވާ ގޮތަށް މިހާރު ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަނގަ ކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރުމަށް ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިނިވަންކަމުގެ ނަމުގައި ހިޔާލުފާޅު ކުރެވޭ އިރު އެ ފާޅު ކުރެވޭ ހިޔާލެއް ވާންޖެހޭނީ ޒިންމާރު ގޮތުގައި ފާޅުކުރެވޭ ހިޔާލަކަށް ކަމަށާއި ފަހަކަށް އައިސް ހިޔާލު ފާޅުކުރުމުގެ ނަމުގައި މީސްމީހުންނަށް އުދަގޫ ކުރުމުގެ ކަންތައްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
"... ޖަލްސާއެއް ބާއްވޭ ވަރެއްވެސް ނޫން ޖެހިގެން ހުންނަ ގޭގައި ހުންނަ ލައުޑް ސްޕީކަރުގެ އަޑުގަދަކަމުން، އެހެންވީމައި މިއީ އަދި މިނިވަން ކަމާ އެކު ހިޔާލު ފާޅުކުރުމެއް ނޫން، މި ބާވަތުގެ ކަންތައްތައް ރަނގަޅު ވާނީ، ގާނޫނާއި ގަވާއިދުތަކަށް ކޮންމެވެސް ކަހަލަ އިސްލާހުތަކެއް އައިސްގެން އަޅުގަނޑުމެން އެކަން ކުރަންޖެހޭ، އެކަން ކުރުމުގެ މަސައްކަތް ކުރަން އެބަޖެހޭ، ދާދި ފަހުން ރާއްޖެ ވަޑައިގަތް އިންޑިއާގެ ބޭފުޅަކު ކުރެން އެހީން އިންޑިއާ ނޫންހޭ އެންމެ މިނިވަން އެއް ގައުމަކީ އެ ގައުމުގައި މި ކަހަލަ ކަންތައްތައް އޮންނަނީ ކިހިނެތް ހޭ، ވިދާޅުވީ އަޑުގަދަ ކުރާއިން އެއްޗިހި ޖެހުމަކީ މަނާކަމެކޭ، އަޅުގަނޑުމެންގެ ތެރޭގައި ވަރިހަމަ މެންދުރު ދޭއް ޖެއްސަސް އެކެއް ޖެއްސަސް އަޑުގަދަ ކުރާއިން ބާރަށް އެއްޗިހި ޖަހަންވީ، މިއީ ހަމަ ކުޑަކުޑަ މިސާލެއް، މި ނޫން އެހެން ދާއިރާތަކުގައިވެސް މިކަހަލަ ކަންތައްތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޒިންމާދާރު ގޮތުގައި ހިޔާލުފާޅުކުރުމަށް ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ޑިމޮކްރަސީ ފަހަތަށް ޖެހުން ނޫން ކަމަށާއި އެއީ ޑިމޮކްރަސީ ހަރުދަނާކޮށް ފުރިހަމަ ކުރުމަށް އެޅޭ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އިރުޝާދާއި ފަންނީ އެހީ އާއި އަދި މީޑިއާތައް ބެލެހެއްޓުމުގެ ކަންތައްތައްވެސް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ މަތީ ދަރަޖައަށް އެބަ އޮތް ކަމަށާއި މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. ރައީސް ވިދާޅުވީ ދައުލަތުގެ މީޑިއާ މިހާރު ހިންގަނީ އެމްބީސީން ކަމަށާއި ދައުލަތުގެ ކޮންޓްރޯލްގެ ދަށުގައި އެއްވެސް މީޑިއާއެއް ނޯންނާނެ ކަމަށެވެ.
"އެއީ މި ސަރުކާރަށް ކުރެވުނު އެންމެ ރަނގަޅު އެންމެ މޮޅު ކަންތައް، މިއީ ފުރަތަމަ ފަހަރު ސަރުކާރެއްގެ ނޫހެއް ނޫނީ ޓީވީއެއްވެސް ނެތް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގެޒެޓްގައި މިހާރު ޖަހާ އިއުލާންތައް މިހާރުން މިހާރަށްވެސް ނޫސްތަކަށް ދިނުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވި އެވެ. އަދި ނޫސްވެރިން ތަމްރީންކުރުމަށް ސަރުކާރަށް ކުރެވެން އޮތް ކަންތައްތައް ބައްލަވާނޭ ކަމަށާއި އެ ކަމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ ގެޒެޓްގައި ޝާއިއުކުރެވޭ ބައެއް އިއުލާންތައް ނޫސްތަކަށްވެސް ހަމަހަމަ އުސޫލަކުން ދިނުމަށް ސަރުކާރުން ވިސްނަންޖެހޭ ކަމަށް ވިދާޅުވި އެވެ. އެއީ ނޫސްވެރިކަމަށް ވެދެވޭނެ އެހީއެއް ކަމަށް ވިދާޅުވި އެވެ.
" ކޮންމެވެސް ކަހަލަ އިންސެންޓިވްއެއް ކަހަލަ އެއްޗެއް ނޫސްތަކަށް ލިބެމުން އައި އެއްޗެއް އިއުލާނަކީ. އެހެން ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައިސް އަޅުގަނޑުމެން އޭރު ދެންނެވި ގޮތަށް ބައެއް ނޫސްތައް އިނދަ ޖެހިގެން ދިޔަ ތަން އަޅުގަނޑުމެންނަށް ފެނުނީ. ގެޒެޓް އުވާލާށެކޭ ނޫން އަޅުގަނޑު މި ދަންނަވަނީ. އެހެން ނަމަވެސް މުވައްޒަފުން ބޭނުންވެގެން، އެސްޓިމޭޓް ބޭނުންވެގެން ހުންނަ އިއުލާންތަކަކީ މި ގެޒެޓު ތެރެއިން އަންނަން ޖެހޭނެ އެއްޗެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން،" ހިރިގާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސް މުހަންމަދު ވަހީދުއްދީން (ޑީން) އާއި ރައީސް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ނޫސްވެރިންނަށް ދިމާވެފައިވާ އެކި ކަންތައްތަކުގެ މައްސަލަ ސާފުކޮށްފަ އެވެ.