17 Jul 2023, 08:58
އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއެކު ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވެސް ރަސްމީކޮށް އެމެރިކާގެ އިންޓަ މަޔާމީއާ ގުޅިއްޖެއެވެ.
ބުސްކެޓްސްއަކީ މެސީއާއެކު ބާސާގައި ގިނަ ދުވަސްތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ. ބުސްކެޓްސް 18 އަހަރަށްފަހު ބާސާ ދޫކޮށް، އިންޓަ މަޔާމީއަށް ސޮއިކޮށްފައިވަނީ 2025 އަހަރުގެ ނިޔަލަށެވެ.
އިންޓަ މަޔާމީއާ ގުޅުމަށްފަހު އުމުރުން 35 އަހަރުގެ ބުސްކެޓްސް ބުނީ ލިބިގެންދިޔައީ ވަރަށް ހާއްސަ ފުރުސަތެއް ކަމަށާއި ކެރިއަރުގެ ކުރިއަށްއޮތް ދުވަސްތަކުގައި އެ ކްލަބާއެކު މަސައްކަތްކުރަން ތައްޔާރަށް ހުރި ކަމަށެވެ. އަދި އިންޓަ މަޔާމީއާއެކު ކާމިޔާބީތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީއާ ގުޅިފައިވާ ބުސްކެޓްސް ވަނީ މެސީއާއެކު ބާސާގައި ހުރިހާ ކާމިޔާބީއެއް ހޯދައިފައެވެ. އިންޓަ މަޔާމީގެ ކޯޗަކަށް ބާސާގެ ކުރީގެ ކޯޗު ޖެރާޑޯ މާޓިނޯ ހަމަޖައްސާފައިވާ އިރު، އެ ކްލަބުން ދަނީ ބާސާގެ ޖޯޑީ އަލްބާ އާއި އެ ކްލަބުގެ ލެޖެންޑް އަންދްރޭސް އިނިއެސްޓާ ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ.
އަންނަ ހުކުރު ދުވަހު އިންޓަ މަޔާމީން ކްރޫޒް އަޒުލްއާ ދެކޮޅަށް ކުޅޭ ލީގު ކަޕް މެޗުގައި މެސީއާއެކު ބުސްކެޓްސް ވެސް ފެނިގެންދާނެއެވެ. އެ މެޗު ވެގެންދާނީ އެ ދެ ކުޅުންތެރިން އިންޓަ މަޔާމީގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗަށެވެ. މެސީ އާއި ބުސްކެޓްސްގެ އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ އީސްޓާން ކޮންފަރެންސް ތާވަލުގެ ކުރިއަށް އެ ކްލަބު ގެންދިއުމެވެ. މިވަގުތު އިންޓަ މަޔާމީ އޮތީ ތާވަލުގެ ފުލުގައެވެ.