މީގެކުރިން ފިލްމީ މަސައްކަތްތަކަށް ހުރިހާ ވަގުތެއް ހުސްކުރެވުނު ނަމަވެސް މިހާރު އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ބަތަލާ އާލިއާ ބަޓް ބުނެފިއެވެ.

ފިލްމީ ދާއިރާއަށް ތަޢާރަފް ވުމަށްފަހު ވޭތުވެދިޔަ ދިހަވަރަކަށް އަހަރުތެރޭ މަސައްކަތްކޮށްފައިވަނީ ޢާއިލާއަށް ވަގުތު ނުދީ ވަރަށް ގިނަ ރޭ ތަކެއްގެ ނިދި ނަގާލުމަށްފަހުކަމަށް ބަތަލާވަނީ ބުނެފައެވެ. އެހެންނަމަވެސް ކައިވެންޏަށްފަހު އަލަތު ދަރިފުޅު ލިބުމުން ކުރީގެ އެ އާދަތައް މިހާރު ބަދަލުވެފައިވާކަމަށް އާލިއާވަނި ބުނެފައެވެ.

ހިންދީ ސިނަމާގެ އެންމެ ބޮޑު ފިލްމީ ޢާއިލާއަށް ނިސްބަތްވާ އެކްޓަރު ރަންބީރު ކަޕޫރާ އާލިއާގެ ކައިވެނި ކުރެވުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ. ހަމަ އެއަހަރުގެ ނޮވެމްބަރު މަހު ފުރަތަމަ ދަރިފުޅު ލިބުމާއެކު ގިނަ ބަޔަކު އުއްމީދުކުރީ އާލިއާ ފިލްމީ މަސައްކަތްތަކާ ދުރަށް ދާނެކަމަށެވެ. އެހެންނަމަވެސް ފިރިމީހާ ރަންބީރު ކަޕޫރާއި ޢާއިލާގެ ފުރިހަމަ އެއްބާރުލުމާއެކު އާލިއާ ނިންމީ ފިލްމީ ދާއިރާއިން ކުރިޔަށް ދިޔުމަށެވެ. ނަމަވެސް ކުރިން ފިލްމީ މަސައްކަތްތަކަށް ވަގުތު ދެމުން އައިގޮތަށް ބަދަލު ގެނެސް ބަތަލާ ނިންމާފައިވަނީ އާއިލާއާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމަށެވެ.

އަދި އެވަގުތުތައް އެއްވެސް ޕްރޮޑިއުސަރަކަށްޓަކައި ގުރުބާންކޮށްނުލެވޭނެކަމަށްވެސް ބަތަލާވަނީ ބުނެފައެވެ. ވޭތުވެދިޔަ ދިހަ އަހަރުތެރޭ އާލިއާގެ އާއިލާ ހާއްސަކޮށް މަންމައާއި ކޮއްކޮ ޝާހީންއާއެކު ވަގުތު ހޭދަނުކުރެވުނީތީ އެކަމާ ހިތާމަކުރާކަމަށާއި އެހެންނަމަވެސް ދެން އެކަން ތަކުރާރުވުމަށް ނޭދޭކަމަށް ކުޅަދާނަ ބަތަލާވަނީ ބުނެފައެވެ. އޭގެ މާނައަކީ ފިލްމީ މަސައްކަތްތަކުން ދުރުވުން ނޫންކަމަށާއި މަސައްކަތާއެކުވެސް ދިރިއުޅުން ބެލެންސްކުރުމަށް މަސައްކަތްކުރުން މުހިއްމުކަމުގައި އާލިއާވަނީ ބުނެފައެވެ.

ފިލްމު "ގަންގޫ ބާއި"އިން މިއަހަރުގެ ފިލްމު ފެއަ އެވޯޑް ޙާސިލުކުރި ބަތަލާ އެންމެ އަވަހަށް ފެންނާނީ މިމަހު 28ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ރޮކީ އޯރު ރާނީކީ ޕްރޭމް ކަހާނީ"އިންނެވެ. ކަރަން ޖޯހަރު ޑައިރެކްޓްކުރާ މިފިލްމުގައި އާލިއާއާއެކު ލީޑް ރޯލްއިން ފެންނާނީ އެކްޓަރު ރަންވީރު ސިންގްއެވެ.