17 Jul 2023, 09:02
ހިންދީ ސިނަމާއަށް ނުކުންނަން ތައްޔާރުވެފައިވާ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު ސައުތު ސިނަމާގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
ކަރަން ޖޯހަރުގެ ބެލުމުގެ ދަށުން ދަރުމާގެ ކޯނަސްޓޯން އެޖެންސީއިން ޝަނަންޔާގެ ފުރަތަމަ ބޮލީވުޑްގެ ފިލްމުގެ މަސައްކަތް ކުރިޔަށްދާއިރު ޝަނާޔާ ސޮއިކޮށްފައިވަނީ، މަލަޔާލަމް އެކްޓަރު މޯހަން ލާލްގެ ފިލްމަކަށެވެ. ޑައިރެކްޓަރު ކިޝޯރު ނަންދާގެ މިފިލްމުގައި ޝަނާޔާއާއެކު ފެންނާނީ ތެލުގޫ ޒުވާން އެކްޓަރު ރޯޝަން މެކާއެވެ.
ދަރްމާ ޕްރޮޑަކްޝަންއިން ޝަނާޔާ ފިލްމީ ދުނިޔެއަށް ތަޢާރަފްކުރުމަށް ނިންމާފައިވީނަމަވެސް ކަރަން ޖޯހަރުވަނީ ސައުތު ސިނަމާގެ ފިލްމަކުން ޝަނާޔާއަށް ފުރުސަތު ލިބުމުން އެކަމަށް މަރުހަބާ ކިޔާފައެވެ. ދަރުމާއަށް ކާމިޔާބު ފިލްމުތައް އުފައްދައިދީފައިވާ ޑައިރެކްޓަރު ޝިޝާންކް ކައިތަންގެ ފިލްމު "ބޭދަޅަކު"އިން ޝަނާޔާ ބޮލީވުޑަށް ތަޢާރަފްވާނެކަން ކަރަން އިއުލާނުކޮށްފައިވަނީ 2021ވަނަ އަހަރުއެވެ. އެހެންނަމަވެސް މިފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް ދަރުމާ ކުންފުނިން އިއުލާނެއް ނުކުރެއެވެ.
ޝަނާޔާއަށް މަރުހަބާކިޔަމުން ކަރަން ބުނެފައިވަނީ، ޝަނާޔާއަކީ ވަރަށް ހިތްވަރުގަދަ ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބުރަކޮށް މަސައްކަތްކުރާ ޒުވާނެއްކަމަށެވެ. އަދި އެކްޓަރު މޯހަން ލާލްފަދަ ތަޖުރިބާހުރި ލެޖެންޑަކާއެކު މަސައްކަތްކޮށްލަން ލިބުނު ފުރުސަތަކީ ޝަނާޔާއަށް ޙައްޤު ފުރުސަތެއްކަމަށް ކަރަންވަނީ ބުނެފައެވެ.
އެކްޓަރު ސަންޖޭ ކަޕޫރާއި މަހީޕް ކަޕޫރުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަކީ، ބޮލީވުޑްގައި އަރަމުން އަންނަ ޒުވާން ބަތަލާ ކަމަށްވާ އަނަންޔާ ޕާންޑޭ އަދި ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާންގެ ވަރަށް ގާތް އެކުވެރިއެކެވެ. އަބަދުވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވި ޒުވާނާ ބުނެފައިވަނީ ސައުތު ސިނަމާގެ އެންމެ ތަޖުރިބާހުރި ފަރާތްތަކާއެކު ފިލްމު ފެށުމަށް ކެތްމަދުވެފައިވާކަމަށެވެ.