17 Jul 2023, 09:15
ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެޗްބީއޯގެ ހިޓް ޓީވީ ޝޯ "ޔޫފޯރިއާ"ގެ ތިންވަނަ ސީޒަން ރިލީޒް ކުރުން އަނެއްކާ ވެސް ލަސްވެއްޖެއެވެ.
ޝޯގެ ދެވަނަ ސީޒަން މިދިޔަ އަހަރުގެ ކުރީ ކޮޅުގައި ދައްކާފައިވާއިރު ޝޯގެ ތިންވަނަ ސީޒަން އަންނަ އަހަރުގެ ތެރޭގައި ދައްކާނެ ކަމަށް ގިނަ ބަޔަކު ތިބީ އިންތިޒާރުކޮށް އުއްމީދު ކޮށްގެންނެވެ. އަންނަ އަހަރަށް ނެރުމަށް ހަމަޖެހިފައިވާ ޝޯގެ ތިންވަނަ ސީޒަން އެންމެ ފުރަތަމަ ޑިލޭ ކޮށްފައިވަނީ 2025 ވަނަ އަހަރަށެވެ.
ނަމަވެސް ޔޫފޯރިއާ އަނެއްކާ ވެސް ޑިލޭ ކޮށްފިއެވެ. މި ފަހަރު ޝޯގެ ތިންވަނަ ސީޒަން ޑިލޭ ކޮށްފައިވަނީ 2026 ވަނަ އަހަރަށެވެ.
ޝޯ ފުރަތަމަ ޑިލޭ ކޮށްފައިވަނީ ޝޯގެ ޕްރޮޑިއުސަރު ސޭމް ލެވިންސަންގެ އިތުރު ޝޯއެއް ކަމަށްވާ "ދަ އައިޑަލް" މި އަހަރުގެ ތެރޭގައި ރިލީޒް ކުރީމައެވެ. އެ ސަބަބާ ގުޅިގެން ޔޫފޯރިއާގެ މަސައްކަތްތައް ފަހަތަށް ޖެހި ޝޯ ޑިލޭ ވާން މެދުވެރިވީއެވެ.
މިކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ މިހާރު ޗެނަލްތަކުން ޝޯތައް ދައްކާ ގޮތާ މެދު ފާޑު ކިޔަމުންނެވެ.
އެންމެ ފަހުން ޝޯ އަނެއްކާ ވެސް މިއޮތީ އިތުރަށް ލަސްވެފައެވެ. މި ފަހަރު ޝޯ ލަސްވުމަށް މެދުވެރިވެފައިވަނީ މިހާރު ހޮލީވުޑްގައި ކުރިއަށްދާ އެކްޓަރުންނާއި ލިޔުންތެރިންގެ ހަޅުތާލާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެޗްބީއޯއިން 2019 ވަނަ އަހަރު ދައްކަން ފެށި ޔޫފޯރިއާ އަކީ ޒުވާން އުމުރަށް އަޅައިގެން އަންނަ ކުދިންތަކަކަށް ދިމާވާ އިޖުތިމާއީ ތަފާތު މައްސަލަތައް ދައްކުވައިދޭ ޝޯއެކެވެ. ޝޯ ފުރަތަމަ ސީޒަނަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު، ދެވަނަ ސީޒަން ވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް ވައިގައި ހިފާފައިވެއެވެ.
އަންސާމްބަލް ކާސްޓެއް ހިމެނޭ މި ޝޯގެ ލީޑުން ފެންނަ އެކްޓަރުންގެ ތެރޭގައި ޒެންޑާޔާ އާއި ހަންޓާ ޝައިފާގެ އިތުރުން ޖޭކޮބް އިލޯޑީ އާއި ސިޑްނީ ސްވީނީ އަދި އެލެކްސާ ޑެމީ ހިމެނެއެވެ.