17 Jul 2023, 09:07
އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓްރެސް އެމިލީ ބްލަންޓް، އެކްޓިންއިން ބްރޭކެއް ނެގުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފިއެވެ.
"ދަ ކުއައިޓް ޕްލޭސް" އާއި "ޑެވިލް ވެއާސް ޕްރާޑާ" ފަދަ ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތަކުން ފެނިގެން ގޮސްފައިވާ އެމިލީ އެކްޓިން އިން ބްރޭކެއް ނަގަން ނިންމާފައިވާ ކަން ހާމަކޮށްފައިވަނީ "ޓޭބަލް ފޮ ޓޫ" ނަމަކަށް ކިޔާ ޕޮޑްކާސްޓެއްގައެވެ.
އެމިލީ ބުނީ އޭނާގެ އާއިލާއަށް ވަގުތު ދެމުން މަސައްކަތް ކުރުމަކީ ބެލެންސް ކުރަން ވަރަށް އުނދަގޫ ދެ ކަންތައް ކަމަށެވެ. އެގޮތުން މީގެ ކުރިން އެކަންތައް ކުރަން އުނދަގޫ ނަމަވެސް މެނޭޖް ކުރެވޭ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މި އަހަރު އެ ހުރިހާ ކަމެއް އެކީ ކުރަން އުނދަގޫ ކަމަށް އޭނާ ފާހަގަކުރިއެވެ.
މިދިޔަ އަހަރަކީ އެމިލީއަަށް ވަރަށް ބިޒީވި އަހަރެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން އޭނާ ފެންނަ ފިލްމު "އޯޕެންހައިމާ"ގެ މަސައްކަތްތައް މިދިޔަ އަހަރު އޭނާ ކުރިއެވެ. މިހާރު ފިލްމުގެ ޕްރޮމޯޝަންތައް ކުރިއަށްދާއިރު މި މަހުގެ 21ގައި ފިލްމު ރިލީޒްކުރާނެއެވެ. މިއީ މި އަހަރުގެ އެންމެ ބޮޑު އެއް ފިލްމެވެ.
މި ފިލްމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު އޭނާގެ ދޮށީ ދަރިއަށް މި އަހަރު 10 އަހަރު ފުރޭނެ ކަމަށް އޭނާ ބުންޏެވެ. އެހެންވީމާ އޭނާ ބޭނުންވަނީ މި އަހަރުތައް ވީހާ ވެސް ބޮޑަށް ދަރިންނާ އެކު ހޭދަ ކުރަން ކަމަށް އެމިލީ ބުނެއެވެ.
އޯޕެންހައިމާއަށް ފަހު އިތުރު ޕްރޮޖެކްޓެއްގައި އެކްޓު ކުރަން މެދުކަނޑާލާނެ ކަމަށް އެމިލީ ބުންޏެވެ. އެކްޓިންއިން ބްރޭކެއް ނަގާއިރު ސްކްރީންގެ ފަހަތުން މަސައްކަތް ކުރާނެ ކަމަށް އޭނާ އިޝާރާތް ކުރިއެވެ. ނަމަވެސް އެ މަސައްކަތް ވެސް ކުރާނީ ވަރަށް ކުޑަކޮށް ކަމަށް އޭނާ ބުންޏެވެ.
ފިލްމު ކުޅުމުން އެމިލީ ނަގަނީ ކިހާ ދުވަހެއްގެ ބްރޭކެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.