17 Jul 2023, 08:56
މިދިޔަ އަހަރު ރިލީޒްވި ތެލުގޫ ޑައިރެކްޓަރު ރާޖާ މޮލީގެ ފިލްމު "އާރްއާރްއާރް"ގެ ސީކުއަލްއެއް އުފައްދަން ނިންމާފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ތެލުގޫ ކާމިޔާބު އެކްޓަރު ރާމް ޗަރަންއާއި އެންޓީއާރު ޖޫނިއަ ލީޑް ރޯލް ކުޅެފައިވާ މިފިލްމުގެ ސީކުއަލް އުފައްދަން ނިންމާފައިވަނީ ހޮލީވުޑްގެ ފިލްމުތަކާ އެއް ފެންވަރެއްގައިކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ.
ކާމިޔާބު ވަރުގަދަ ފިލްމުތަކެއް ގެނެސްދީފައިވާ ރާޖާ މޮލީ މިފަހަރުގެ ސީކުއަލްގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާނެކަމާމެދު ސުވާލު އުފެދިފައިވާއިރު އެހެން ފަރާތަކުން ފިލްމު ޑައިރެކްޓުކުރިނަމަވެސް ރާޖާ މޮލީގެ ފުރިހަމަ އެއްބާރުލުން އެފަރާތަކަށް ލިބޭނެކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ. އަދި އެފަދަ ހާލަތެއްގައި "އާރްއާރްއާރް"ގެ ސީކުއަލް އުފައްދާނީ ރާޖާ މޮލީގެ ޚާއްސަ ބެލުމުގެ ދަށުންކަމަށްވެސް އިންޑިއާގެ މުނިފޫހިފިލުވާ ޚަބަރުތައް ގެނެސްދޭ ނޫސްތަކުންވަނީ ބުނެފައެވެ.
އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދި "އާރްއާރްއާރް"ގެ މޭސްތިރިކަމަށްވާ ރާޖާ މޮލީ މިވަގުތު އަވަދިނެތި އުޅެނީ ތެލުގޫ އެކްޓަރު މަހޭޝް ބާބޫގެ ކުރިޔަށްއޮތް ފިލްމު "ވިޖެންދްރަ ޕްރަސާދް" އުފެއްދުމުގައެވެ. ފިލްމު "އާރްއާރްއާރް"ގެ ސީކުއަލްއެއް އުފައްދާނެކަމަށް ރިޕޯޓުތަކުން ކަށަވަރުކޮށްދީފައިވާއިރު މިސީކުއަލް ބިނާކޮށްފައިވަނީ ކޮންކަހަލަ ވާހަކައަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
ރާމް ޗަރަންއާއި އެންޓީއާރް ޖޫނިއަގެ އިތުރުން ބަތަލާ އާލިއާ ބަޓް، ސަންޖޭ ދަތު އަދި އަޖޭ ދޭވްގަން މުހިއްމު ރޯލް ކުޅެފައިވާ މިފިލްމަކީ، އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑުގައިވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދި އިންޑިއާ ފިލްމެކެވެ. ފިލްމުގައި ހިމެނޭ ލަވަ 'ނާޓޫނާޓޫ' އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ކެޓެގަރީއިން އިންޑިއާއަށް އޮސްކާ އެވޯޑް ހޯދައިދީފައެވެ. ތެލުގޫ އެކްޓަރު ރާމް ޗަރަންއަށް ދާދިފަހުން ބައްޕައަކަށްވުމާއެކު މިވަގުތު އެކްޓަރު ހުރީ ފިލްމީ މަސައްކަތްތަކުން ކުޑަ ޗުއްޓީއެއް ނަގައިގެންނެވެ. އަދި އެނބުރި ފިލްމީ މަސައްކަތްތަކާ ގުޅޭނެ ދުވަހެއް އިއުލާނުކޮށްފައެއް ނުވެއެވެ.