ކުރިއަށް އޮތް މަޖިލީހުގެ އާ ދައުރަށް މެމްބަރުން އިތުރުވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްޥީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅަނީ؛ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5،000 ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ޤާނޫނު ގައިވާގޮތުން، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 12 މަހާއި 10 މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަންޖެހޭނެ ކަމަށެވެ.

މި ހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ކުރީން، ކުރިޔަށް އޮތް ރައްޔިތުންގެ މަޖލީހުގެ މެންބަރުންގެ ޢަދަދު އީސީ އިން ކަނޑައަޅާނެ. އަދި 2024 ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް.އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ، މެންބަރުން އިތުރުވާ ސަބަބަކަށްވީ މިފަހުން ރަޖިސްޓާ ކުރި އާބާދީއަށް ބަލާފައި ކަމަށެވެ. އެގޮތުން މިމަސް ތެރޭ އިތުރުވާ ދާއިރާތައް އީސީން ހާމަކުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.