03 May 2012, 13:54
ކީރިތި ގުރުއާން ހިތުދަސް 500 ހާފިޒުން އުފެއްދުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ 500 ހާފިޒުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ މާލެ އާއި ފުވައްމުލަކުގައި ހުރި ގުރުއާން މަރުކަޒުތަކުގައި ކަމަށާއި އެ ކޯހަށް ނަގާނީ އެންމެ ރީތިކޮށް ގުރުއާން ކިޔަވާ ކުދިންގެ ތެރެއިން އުމުރުން 10 އަހަރާއި 20 އަހާރައި ދެމެދުގެ ކުދިން ކަމަށެވެ.
"މިގޮތަށް ނަގާ ކުދިން ކިޔަވާ ގޮތް ބެލުމަށް ފަހު އެންމެ ރީތިކޮށް ކިޔަވަކުދިން ނެގޭނެ އޭގެތެރޭގައި ބަލަނީ އުމުރުން 10 އަހަރާއި 20 އަހަރުގެ ކުދިންނަށް އިސްކަން ދީގެން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހިތުން ދަސްކުރާ ކުދިން އެ ކުދިންގެ ހިތުދަސްކުރުމުގެ މުއްދަތަކީ ތިން އަހަރު މުއްދަތެކެވެ. މަހަކު މަދުވެގެން ތިން ފޮތް ދަސްކުރަން ޖެހޭ ގޮތަށް ހިތުދަސްކުރާ ކޯސް ފަރުމާ ކުރައްވާނެ ކަމަށާއި 500 ކުދިން ތަމްރީން ކުރުމުގެ މަސައްކަތް ފުރިހަމަ ކޮށް ނިންމާލެވެނީ ގާތްގަނޑަކަށް 10 އަހަރުދުވަހުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގުރުއާން ހިތުދަސް ކުރާ ކުދިންނަށް ޕޮކެޓް މަނީއެއް ދޭން ގަސްތުކުރައްވާ ކަމަށާއި މި ކަމަށް ހަރަދު ކުރާނެ ފައިސާ ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދާނެ ކަމަށެވެ. އަދި ގުރުއާން ހިތުދަސް ކޯސް އަންނަ ރޯދަ މަހު ފަށަން މަސައްކަތް ކުރައްވަ ކަމަށް ވެސް އެމަނކިފާނު ވިދާޅުވި އެވެ.
ގުރުއާން ހިތުދަސް ކުރާ ފަރަތްތަކަށް ސަރުކާރުން މިހާރުވެސް އަންނަނީ އެލަވަންސެއް ދެއްވަމުން ނެވެ.