ކުރިން ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރު ހިންގި ހ. މެރިންޑްރީމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އައު ބިޒްނަސް ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

އެމްއައިބީގެ އައު ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީއެވެ.

އެމްއައިބީގެ މި ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް މައުމޫނު ވިދާޅުވީ، އެމްއައިބީގެ ބޭންކިން ޚިދުމަތްދޭ މި ސެންޓަރަކީ ކަސްޓަމަރުންނަށް ވަރަށް ބޭނުންތެރި ތަނަކަށް ވެގެންދާނޭކަމަށާއި، މިއީ ވަރަށް މުހިއްމު އަދި ރައްޔިތުންނަށް ބޭނުންތެރި ތަނަކަށް ވެގެންދާނޭކަމަށެވެ.

އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވީ، އެމްއައިބީން މަސައްކަތްކުރަމުން ދަނީ އެ ބޭންކްގެ ޚިދުމަތްތައް ވީހާވެސް ލުއި ފަސޭހަގޮތެއްގައި ހޯދައިދިނުމަށް ކަމަށެވެ. މިގޮތުން މި ސެންޓަރުންވެސް އެމްއައިބީގެ ކަސްޓަމަރުންނަށް ބޭނުންވާނެ މުހިއްމު ޚިދުމަތްތަކެއް ލިބޭނެކަން މުފައްދަލް ފާހަގަކުރެއްވިއެވެ.

އެމްއައިބީގެ އައު ބިޒްނަސް ސެންޓަރު ހުޅުވުމުގެ ތެރެއިން--- ސަން ފޮޓޯ/ މާހިލް އާތިފް

މެރިންޑްރީމުގައި އެމްއައިބީން ޤާއިމްކުރި މި ބިޒްނަސް ސެންޓަރުން ފައިސާ ކާޑު ނެގުމާއި، އޭޓީއެމް ޚިދުމަތުގެ އިތުރުން ބިޒްނަސް ލޯންޖުގެ ޚިދުމަތް ލިބެއެވެ. މި ސެންޓަރުގައި ދިވެހި ފައިސާ ޖަމާކުރުމައި ނެގުމަށް އޭޓީއެމެއް ހުންނައިރު، ޑޮލަރު ޖަމާއި ކުރުމާއި ނެގުމަށް ވެސް އޭޓީއެމް ހުރެއެވެ.

އެމްއައިބީގެ އައު ބިޒްނަސް ސެންޓަރުގައި ހުންނަ އޭޓީއެމަކުން ފައިސާ ނަގަނީ-- ސަން ފޮޓޯ/ މާހިލް އާތިފް

އެމްއައިބީގެ ޚިދުމަތްތައް ފުޅާވެގެން އަންނައިރު، އެ ބޭންކުން މިދިޔަ ޖޫންމަހުގެ 19 ވަނަ ދުވަހު ވަނީ ހުޅުމާލެފޭސް 2 ގައި އޭޓީއެމްއެއް ބަހައްޓާފައެވެ.

އެމްއައިބީ އޭޓީއެމްގެ ޚިދުމަތް މާލެ ސަރަހައްދުގެ އިތުރުން ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ގދ. ތިނަދޫ، އައްޑޫސިޓީ ހިތަދޫ، ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީ އާއި ތިލަފުށީގައި ވެސް ލިބެން ހުރެއެވެ.