ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް އަންނަ މަހުގެ ތެރޭގައި ވަދެވޭނޭކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އިއްޔެ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ސްޓާފް ނައިޓުގައި އެ ކުންފުނީގެ މުވައްޒަފުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޕީއެލުން ހަދަމުންދާ ތިން ޓަވަރުގެ އެޕާޓްމަންޓުތަކުގެ މަސައްކަތް އޮގަސްޓުމަހުގެ ނިޔަލަށް މުޅިން ނިންމައި މުވައްޒަފުންނަށް ދިރިއުޅެވެން ފެށޭނޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އެމްޕީއެލް ފްލެޓުތަކުގެ މިހާރު ކުރިއަށްދަނީ ލިފްޓާއި ކަރަންޓާއި، ފެނުގެ އިތުރުން ފިނިޝިން މަސައްކަތްތަކެވެ.

"މި ބަލަނީ ޖުލައިމަހުގެ ފަހުކޮޅު ނުވަތަ ޖުލައިމަސް ނިންމާލާފައި މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކުރަން. އެއީ ކަބަޑް ސެޓް ޖެހުމާއި އެހެނިހެން ބައެއް ކަންކަން ކުރުމަށްފަހު" ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލުން ނިންމާފައިވަނީ މުއައްޒަފުން ފްލެޓުގައި ދިރިއުޅެން ފަށާ ދުވަހުން ފެށިގެން އަހަރު ދުވަހުގެ ނިޔަލަށް އެއްވެސް ކުއްޔެއް ނުނެގުމަށެވެ.

އެމްޕީއެލްގެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރާނެ ކަމަށް ޝާހިދު ވިދާޅުވެފައިވާއިރު، ފްލެޓްތައް ހަވާލުކުރަން މީގެ ކުރިންވެސް ވަނީ ތާރީހުތަކެއް ދީފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޫސްވެރިންނަށް ފްލެޓުތައް ދައްކާލަމުން، މި އަހަރު ކުރީކޮޅު އެޕާޓްމަންޓުތަކަށް ވަދެވޭނެ ކަމަށް ވިދާޅުވިއެވެ. އެފަހުން ވިދާޅުވީ ޖޫން މަހު ފްލެޓުތަކަށް ވަދެވޭނެ ކަމަށެވެ.

އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި ޓަވަރުތައް މިހާތަނަށް ނުނިމި ދިގުލައިގެން ދިއުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ތަކެއްޗާއި މުވައްޒަފުން ގެންނަން ކޮންޓްރެކްޓަރަށް ކުރިމަތިވި ގޮންޖެހުންތައް ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އެމްޕީއެލުން އިމާރާތްކޮށްފައިވަނީ، 15 ފަންގިފިލާގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި، 2+1 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިހާތަނަށް ފްލެޓު އިމާރާތްކުރި ހަތަރު ކުންފުނީގެ ތެރެއިން ފްލެޓު ހަވާލުނުކުރާ ހަމައެކަނި ކުންފުންޏަކީ އެމްޕީއެލްއެވެ. އެ މަސައްކަތް ކުރި އަނެއް ތިން ކުންފުނި ކަމުގައިވާ ސްޓެލްކޯ އާއި އެމްއޭސީއެލް އާއި އެމްޑަބްލިޔުއެސްސީން ވަނީ ފްލެޓުތައް ހަވާލުކޮށްފައެވެ.