16 Jul 2023, 16:28
އދ. މަޖިލިސް (16 ޖުލައި 2023): އެފްރިކާއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުން ޔޫރަޕަށް ޣައިރުގާނޫނީ ގޮތުންކުރާ ހިޖުރައިގެ ދަތުރުތަކުގައި މި އަހަރުގެ މިހާތަނަށް 300 އަށްވުރެ ގިނަ ކުޑަކުދިން ކަނޑަށް ޣަރަގުވެގެން މަރުވެފައިވާކަމަށް އދ.ގެ ކުޑަކުދިންނާބެހޭ ފަންޑު (ޔުނިސެފް) އިން ބުނެފިއެވެ.
"ޔުނިސެފް" އިން ނެރުނު ރިޕޯޓެއް ބުނާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ކުދިކުދި ބޯޓުތަކުގައި ކަނޑުހުރަސްކޮށް ޔޫރަޕަށްކުރި ދަތުރުތަކުގައި ކަނޑުވެގެން މަރުވެފައިވާ ކުޑަކުދިންގެ އަދަދު 289އަށް އަރައެވެ. އެއަށްފަހުވެސް އެފަދަ ދަތުރުތަކުގައި 15 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވެއެވެ.
އެފްރިކާއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުން ޔޫރަޕަށް ޣައިރުގާނޫނީ ގޮތުން ހިޖުރަކުރަނީ އާންމުގޮތެއްގައި ހަނގުރާމަތަކާ ގުޅިގެންނާއި ފަގީރުކަމާގުޅިގެން ގޮތްހުސްވެ މަގުމަތިވެފައިވާ ނިކަމެތި ރެފިއުޖީންނެވެ. މިބައިމީހުން ޔޫރަޕަށްދަނީ މެޑިޓެރޭނިޔަން ކަނޑާއި އޭޖިއަން ކަނޑާއި މަރުމަރާ ކަނޑު ހުރަސްކޮށެވެ.
މިކަމުގައި އެހީތެރިވަނީ އެމީހުންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާނަގާމުންދާ ވަގުވިޔަފާރީގެ ޖަމާއަތްތަކުންނެވެ. ހަނގުރާމަތަކާ ގުޅިގެންނާއި ފަގީރުކަމާގުޅިގެން ގޮތްހުސްވެ މަގުމަތިވެފައިވާ ރެފިއުޖީން ދެކޭގޮތުގައި ކަނޑު ހުރަސްކޮށް މަރާކުރިމަތިލައިގެން ނަމަވެސް ޔޫރަޕްގެ ބައްރަށް ދެވުމަކީ އެމީހުންގެ ހަޔާތުގައި ކޮންމެވެސް އަލިމަގެއް ފެންނާނެ ގޮތެކެވެ.
ޔޫރަޕްގެ ގައުމަކަށް ދެވުމުން އެގައުމުގައި ބަންދުގައި ހުންނަންޖެހުނު ނަމަވެސް އަދި ނަސްލީ އިމްތިޔާޒާއި ނިކަމެތިކުރުމުގެ ހިތްދަތިކަމާ ކުރިމަތިލަންޖެހުނު ނަމަވެސް ކާންބޯންލިބި އަމާންކަން ލިބޭނެކަމުގެ ހިތްހަމަޖެހުން އެމީހުންނަށް އޮވެއެވެ. ހަނގުރާމަތަކާއި ބަލިމަޑުކަމުގެ ޝިކާރައަކަށްވެފައިވާ އެމީހުންގެ ގައުމުތަކުގައި އުޅެންޖެހިފައިވާ އުޅުން މިއަށްވުރެމާ ހިތްދައްޗެވެ.

ޔޫރަޕަށް ޣައިރު ގާނޫނީ ދަތުކުރާ ބޯޓެއް އަރިއަޅާލަނީ
މެޑިޓެރޭނިޔަން ކަނޑާއި އޭޖިއަން ކަނޑާއި މަރުމަރާ ކަނޑު ހުރަސްކޮށް މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކުގެ ރެފިއުޖީން (ހިޖުރަވެރިން) ޔޫރަޕަށް ކުރާ ދަތުރުތަކަކީ ބިރުވެރި އަދި ވަރަށް ނުރައްކާތެރި ދަތުރުތަކެކެވެ. މަރުގެ ދަތުރުތަކެކެވެ.
ވަގުވިޔަފާރިކުރާ ޣައިރުގާނޫނީ ޖަމާއަތްތަކުން އިންތިޒާމުކުރާ މިދަތުރުތަކުގައި ބޭނުންކުރަނީ ބައުވެ ހަލާކުވެފައިވާ އުޅަނދުތަކެވެ. އެއުޅަނދުތަކަށް މީހުން އަރުވަނީވެސް އެއިން ދަތުރުކުރެވޭވަރަށްވުރެ އެތައް ގުނައެއް އިތުރަށެވެ.
އަނެއްކޮޅުން މިއީ ރެފިއުޖީންގެ އަތުން ބޮޑު އަގެއްވެސް ހޯދައިގެން އިންތިޒާމުކުރާ ދަތުރުތަކެކެވެ. ކިރިޔާވެސް ބޮޑު ރާޅެއް އައިސްފިނަމަ އަރިއަޅާލައިގެން ފެތޭވަރަށް އެފަދަ އުޅަނދުތަކަށް މީހުން އަރުވައެވެ.
މިފަދަ އުޅަނދުތައް ކަނޑު ހުރަސްކޮށް ޔޫރަޕްގެ ބައްރަށް ދެވުމުގެ ކުރިން އޭގެތެރެއިން ގިނަ އުޅަނދުތައް ބަންޑުންޖަހާލައި އެންމެން ކަނޑުވެއެވެ. ކުޑަކުދިންވެސް ހިމެނޭގޮތަށެވެ. އެމީހުން ސަލާމަތް ކުރުމަށް ގައުމުތަކުގެ ކޯސްޓްގާޑު އުޅަނދުތައްދާއިރު ކަނޑުވި ގިނަބަޔަކު ތިބެނީ މަރުވެފައެވެ.
ގަވައިދާ ޚިލާފަށް ހިޖުރަކުރާ ހިޖުރަވެރިން ގޮވައިގެން ކުރާ މިދަތުރުތައް އިންތިޒާމުކުރާ ގޭންގްތަކުން މިކަންކުރަނީ ރެފިއުޖީންގެ އަތުން ގިނަ އަދަދަކަށް ފައިސާ ނަގައިގެންނެވެ. މީގެގިނަ ދަތުރުތައް ނިމެނީ އެތައް ސަތޭކަ ބަޔަކު ކަނޑަށް ޣަރަގުވެ މަރުވެގެންނެވެ. މިއަަހަރުގެ މިހާތަނަށް ކޮށްފައިވާ މީގެ ދަތުރުތަކުގައި 1500 އަށްވުރެ ގިނަމީހުން ކަނޑަށް ޣަރަގުވެގެން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.