03 May 2012, 13:44
ޑިމޮކްރަސީއެއްގައި މީޑިޔާއިން އަދާކުރަންޖެހޭ މުހިންމު ދައުރު ވަޒަންކޮށް ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތު ނޫސްވެރިންނަށް ފަސޭހަކަމާއެކު ލިބޭނެމަގު ފަހިކޮށްދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމުން) ގޮވާލައިފި އެވެ.
ނޫސްވެރިކަމުގެ މިނވަން ކަމުގެ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ކޮމިޝަންގެ ފަރާތުން ތަހުނިޔާ ކިޔާ ކަމަށާއި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ޑިމޮކްރަސީއެއްގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.
"... މިގޮތުން ޤައުމުގައި ހިނގާ އެކިއެކި ކަންކަމާ ގުޅޭގޮތުން ޞައްޙަ މަޢުލޫމާތު ގެނެސްދިނުމާއި، އެކިއެކި ނުރައްކާތެރި ހާލަތްތަކުގައިވެސް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލައި، ކަމުގެ ޙަޤީޤީ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ މުހިންމު ދައުރު އަދާކުރާބަޔަކީ ނޫސްވެރިންކަމަށްވާތީ އެކަން ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަންކުރަން،" ބަޔާނުގައި ވެއެވެ.
އެޗްއާރްސިއެމްގެ ބަޔާނުގައި ބުނެފައިވަނި ނޫސްވެރިން ވަކިފަރާތަކަށް ނުޖެހި މަޢުލޫމާތު ގެނެސްދިނުމާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމާއެކު ޤައުމާއި މުޖްތަމަޢުއަށް ފައިދާހުރި ގޮތުގައި މަސައްކަތްކުރުމަށް މިދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭކަން ފާހަގަ ކުރެވޭ ކަމަށާއި ނޫސްވެރިކަމުގެ ދާއިރާގައި ވެސް އިންސާނީ ޙައްޤުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އިޙްތިރާމުކުރުމާއި މީހުންގެ މެދުގައި އެކުވެރިކަމާއި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމުގެ ރޫޙު އާލާކުރަން ޖެހޭ ކަމަށެވެ.
"... ކޮންމެ ޙައްޤަކާއިއެކު ޒިންމާއެއް ވާފަދައިން، ނޫސްވެރިކަމުގެ ދާއިރާގައިވެސް އިންސާނީ ޙައްޤުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އިޙްތިރާމުކުރުމާއި، މީހުންގެ މެދުގައި އެކުވެރިކަމާއި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ ރޫޙު އާލާކުރުމާއި، މީހުންގެ މެދުގައި ހުންނަ ތަފާތުތައް ބަލައިގަނެ، މުޖްތަމަޢުގެ ދުޅަހެޔޮކަމަށާއި ތަރައްޤީއަށްޓަކައި މަސައްކަތްކުރުމަށް އިސްކަންދޭންޖެހޭ،" ބަޔާނުގަިއ ވެއެވެ.
ބަޔާނުގައި އަދި ބުނެފައިވަނީ ދަޢުލަތުގެ މުއައްސަސާތަކުންނާއި އަދި އެނޫންވެސް ފަރާތްތަކުން ނޫސްވެރިންގެ މިނިވަންކަމަށް ހުރަސް ނޭޅޭނެ ގޮތަށާއި ދަތިނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމާއެކު، އެފަދަ މާހައުލެއް ޤާއިމްކޮށްދިނުމަކީ ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިވެ ހިތްވަރލިބިގެދާނެ ކަމެއްކަމަށް އެކޮމިޝަނުން ދެކޭ ކަމަށެވެ.