މި ސަރުކާރުގެ ވަޒީރުކަމަށް އައުމަށް އެތައް ފަހަރަކު ހުށަހެޅުންތަކެއް އައި ކަމަށާއި ނަމަވެސް "އެއްވެސް އިރެއްގައި އެއްވެސް މަގާމެއްގެ ބޭނުމުގައި އުޅޭނެ މީހެއް ނޫންކަން ސާބިތުކޮށްދީފައިވާނެ" ކަމަށް އެމްޑީޕީގެ ރައީސްކަމުން ދުރުކޮށްފައިވާ ޑރ. އިބްރާހިމް ދީދީ (ޑީޑީ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ނައިބު ރައީސް މުހައްމަދު ވަހީދުންދީން (ޑީން)އާއެކު ރައީސް އޮފީހުގައި މިއަދު ބައްދަލު ކުރެއްވުމަށްފަހު ސަން އޮންލައިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑީޑީ ވިދާޅުވީ މި ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށްވުރެ ބޮޑަށް، "އިންޓްރެސްޓްހުރީ" ރާއްޖޭގެ މަސްލަހަތާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި އެއްވެސް މަގާމެއްގެ ބޭނުމުގައި އުޅޭނެ މީހެއް ނޫންކަން އަޅުގަނޑު އޮންނާނީ ސާބިތުކޮށްދީފައި. ދެދުފުޅެއް އަޅުގަނޑަށް ކިތަންމެފަހަރަކު ހުށަހެޅިފައި އޮތީ ވަޒީރެއްގެ މަގާމު. އަޅުގަނޑުގެ އިންޓްރެސްޓް ހުރީ މަގާމުގެ އިންޓްރެސްޓެއް ނޫން. މިގައުމުގެ ހިމާޔަތާއި ރައްކާތެރިކަމުގެ އިންޓަރެސްޓް" ރައީސް ވަހީދުގެ ދައުވަތަކަށް އެމަނިކުފާނާ ބައްދަލު ކުރެއްވުމަށްފަހު ޑީޑީ ވިދާޅުވި އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ވަޒީރުކަމަށް ވަޑައިގެންނެވުމަށް ހުށަހެޅުނުތޯ ކުރި ސުވާލަށް ޑީޑީ އެއްޗެއް ވިދާޅެއްނުވި އެވެ.
ޑީޑީ ވިދާޅުވީ ރައީސް ވަހީދާ ބައްދަލު ކުރެއްވީ ފަރުދީ ހައިސިއްޔަތުން ކަމަށެވެ. އަދި އޭނާ ބައްދަލު ކުރެއްވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތަކުން ނޫން ކަމަށާއި އެމްޑީޕީގެ ލީޑާޝިޕް މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ރައީސް ވަހީދާއެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ތިން ކަމަކާ ގުޅޭ ގޮތުން ކަމަށް ޑީޑީ ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަލަބޮލިކަން ނިމުމަކަށް ގެނެސް ސުލްހަވެރި ހައްލެއް ހޯދުމަށާއި ވެރިކަން ބަދަލުވިގޮތް ބެލުމަށް އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަންގެ މިނިވަންކަން ކަށަވަރުކޮށްދިނުމާއި އޯލްޕާޓީ ޓޯކްސް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ.