ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރެޖިސްޓްރީ ވުމުގެ ފުރުސަތު، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ހުޅުވާލައިފިއެވެ.

ރީރެޖިސްޓްރީ ވުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ހަވީރު 04:00ގައެވެ. މި މުއްދަތުގެ ތެރޭގައި ރީރެޖިސްޓްރީ ވާންޖެހޭނީ، ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލާން އެދޭ މީހުނެވެ.

ނަމަވެސް، 2020ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީރެޖިސްޓާވި މީހުން، ރިޔާސީ އިންތިޚާބުގައި އަލުން ރީރެޖިސްޓާވާން ނުޖެހޭނެކަމަށް މީގެކުރިން އީސީން ވަނީ ނިންމާފައެވެ.

މި އަހަރު ރިޔާސީ އިންތިޚާބަށް އޮންލައިންކޮށް ރީރެޖިސްޓާ ވެވޭނެ އިންތިޒާމް އީސީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އީސީގެ ރީރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ރީރަޖިސްޓާ ވެވޭނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އޮންލައިންކޮށް ރީރެޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ 31ވަނަ ދުވަހެވެ. ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ.

މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިން ރީރެޖިސްޓާވާ ފޯމު ދޫކޮށް، ބަލައިގަންނާނެއެވެ. އަދި މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ)އިން ރީރެޖިސްޓާވާ ފޯމު ދޫކޮށް ބަލައިގަންނާނެއެވެ.

މިއަހަރުގެ އިންތިޚާބުގައި ވޯޓު ލުމަށް 604 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. ނަމަވެސް، ރީރެޖިސްޓްރޭޝަނަށް ފަހު މި މުއްދަތައް ބަދަލުއައުން އެކަށީގެންވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި އަހަރުގެ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.