16 Jul 2023, 08:34
އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ސްޓީވަން ޖެރާޑްގެ އިރުޝާދުގެ ދަށުން އަލް އެއްތިފާގް ކުޅޭ ފުރަތަމަ މެޗުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމުންދާ އަލް ނަސްރާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.
އަލް އެއްތިފާގުގެ ކޯޗުކަމާ ޖެރާޑް ހަވާލުވެފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ސައުދީ ޕްރޯ ލީގުގައި އަލް ނަސްރާ ދެކޮޅަށް އަލް އެއްތިފާގް ނުކުންނަން ޖެހޭނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. މިދިޔަ ސީޒަނުގެ ލީގުގައި އަލް އެއްތިފާގުން ހަތްވަނައިގައި ނިންމާލި އިރު، އަލް ނަސްރަކީ މިދިޔަ ސީޒަނުގެ ރަނަރަޕެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރެލިގޭޝަން ބިރާ ކުރިމަތިލާން ޖެހި، މިދިޔަ އަހަރު އެސްޓަން ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކުރި ފަހުން އޭނާ ކްލަބަކާ ހަވާލުވެފައެއް ނުވެއެވެ. އެއަށްފަހު އުނައި އެމެރިކާގެ އިރުޝާދުގެ ދަށުން އެސްޓަން ވިލާ އިން މިދިޔަ ސީޒަން ނިންމާލީ ހަތްވަނައިގައެވެ.
ސައުދީ ޕްރޯ ލީގުގައި އެ މެޗުގެ އިތުރުން ވެސް އަންނަ ސީޒަނުގައި ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެއެވެ. އެގޮތުން ރޮނާލްޑޯގެ އަލް ނަސްރުން ޑިސެމްބަރު މަހުގެ ތެރޭގައި ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ކުޅެމުންދާ އަލް އިއްތިހާދާ ދެކޮޅަށް ނުކުންނަ އިރު، ސައުދީގެ "ކްލެސިކޯ"ގެ ގޮތުން މަޝްހޫރުވެފައިވާ އަލް އިއްތިހާދާއި އަލް ހިލާލް ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ޖެރާޑް ވަނީ އަލް އެއްތިފާގުގެ ތަމްްރީނުތައް ފަށައިފައެވެ.