އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އެމެރިކާ ކްލަބު، އިންޓަ މަޔާމީއަށް އާޖެންޓީނާ ތަރި ލިއޮނެލް މެސީ ސޮއިކޮށްފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އިންޓަ މަޔާމީގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް މެސީ އިއުލާންކޮށްފައިވާ އިރު، އޭނާ އެ ކްލަބާ ގުޅިފައިވަނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމާ ގުޅިގެން ހިލޭ ޓްރާންސްފާއެއް ދަށުންނެވެ. އިންޓަ މަޔާމީއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުއެވެ.

އިންޓަ މަޔާމީއާ މެސީ ގުޅެން ނިންމިތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، މިހާރު އިންޓަ މަޔާމީން ވަނީ އެ ކްލަބުގެ ފިޔާތޮށި ކުލައިގެ ދިހަ ނަމްބަރުގެ ޖާޒީގައި މެސީ ނަގާފައިވާ ފޮޓޯތަކާއެކު އެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އެއާއެކު އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) އިން ވަނީ އިންޓަ މަޔާމީއަށް ތައުރީފުކޮށް ބަޔާނެއް ވެސް ނެރެފައެވެ.

"ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އިންޓަ މަޔާމީ އަދި މޭޖާ ލީގް ސޮކާ ހިޔާރުކުރީތީ ވަރަށް އުފާކުރަން. މިއީ އަހަރެމެންގެ މި ލީގަށް އަދި އުތުރު އެމެރިކާގެ ފުޓުބޯޅައަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް. މެސީއާއެކު އެމްއެލްއެސް އަކީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންނަށް ރަނގަޅު މަންޒިލެއްގެ ގޮތުގައި އެ ވަނީ ސާބިތުވެގެން ގޮސްފައި،" އެމްއެލްއެސްގެ ކޮމިޝަނަރު ޑޮން ގާބާ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

މެސީ ވެސް ވަނީ އިންޓަ މަޔާމީއާ ގުޅުމަށްފަހު، އެކަމާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. މެސީ ބުނީ އިންޓަ މަޔާމީ އަދި އެމެރިކާގައި އާ ޗެލެންޖާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށާއި ވިސްނުމަކީ ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުން ކަމަށެވެ.

އިންޓަ މަޔާމީގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ސަޕޯޓަރުންނަށް މެސީ ދައްކާލުމަށް ހަމަޖެހިފައިވަނީ މިއަދު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ. އެއަށްފަހު ލީގު ކަޕް ފެށުމަށް އަންނަ ހުކުރު ދުވަހު ކްރޫޒް އަޒުލްއާ ދެކޮޅަށް ކުޅޭ މެޗުގައި އިންޓަ މަޔާމީއަށް މެސީ ކުޅޭނެއެވެ.