16 Jul 2023, 08:59
ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ނިއުޔޯކްގެ ޓައިމް ސްކޮޔާއަށް އެރި ފުރަތަމަ ސްޓާކިޑްގެ ޝަރަފު ތެލުގޫ އެކްޓަރު މަހޭޝް ބާބޫ އަދި ކުރީގެ ބަތަލާ ނަމްރަތާގެ ދަރިފުޅު ސިތާރާ ހޯދައިފިއެވެ.
އެންމެ 11 އަހަރުގެ ސިތާރާއަށް މިޝަރަފު ލިބުނީ ދާދިފަހުން ސިތާރާ ބްރޭންޑް އެމްބެސެޑަރުކަމަށް ސޮއިކުރި ގަހަނާ ބްރޭންޑް ޕީއެމްޖީއިން ސިތާރާގެ އިޝްތިހާރުތަކުގެ ފޮޓޯއާއި ވީޑިއޯތައް ޓައިމް ސްކޮޔާގައި ދެއްކުމުންނެވެ.
ރޭގެ ވަގުތެއްގައި ސިތާރާވަނީ މަންމަ ނަމްރަތާއާއެކު ޕީއެމްޖީއިން އިންޑިއާގެ ހައިދަރު އާބާދުގައި ބޭއްވި ހަފުލާގައި ބައިވެރިވެފައެވެ. ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ސިތާރާއަށާއި މަންމަ ނަމްރަތާއަށް ރޭގެ ހަފުލާގައިވަނީ އަމާޒުވެފައެވެ. ސިތާރާގެ ފުރަތަމަ މުސާރައިގެގޮތުގައި ލިބޭ އާމްދަނީ ހަދިޔާކުރާނީ މަންމައަށްތޯ ނުވަތަ ބައްޕައަށްތޯ ނޫސްވެރިޔަކު އެހުމުން ސިތާރާބުނީ އާމްދަނީގެ ދެބައިކުޅަ އެއްބައި ބޭނުންވަނީ ބޭނުންޖެހިފައިވާ ބަޔަކަށް ހަދިޔާކުރުމަށްކަމަށެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ސިތާރާއަށްވަނީ އިޝްތިހާރު ކުޅެގެން އެއް ކްރޯޑް ރުޕީސް (121,836 ޑޮލަރު)ގެ އަދަދެއް ލިބިފައެވެ. ރޭގެ ހަފުލާގައި ސިތާރާ އިޝްތިހާރުކޮށްދޭ ގަހަނާގެ ކަލެކްޝަންވަނީ އާއްމުންނަށް ދައްކާލާފައެވެ.
ސިތާރާއަކީ ވަރަށް ކުޑަ އިރުއްސުރެވެސް މުނިފޫހިފިލުވުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުއްޖެއްކަމުން ސިތާރާގެ އެހުވަފެން ހަޤީޤަތަކަށް ހަދައިދިނުމަށް މަހޭޝް ބާބޫއާއި ނަމްރަތާގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެއެވެ. ސޯޝަލް މީޑިއާގައިވެސް ވަރަށް ޙަރަކާތްތެރިކޮށް އުޅޭ ސިތާރާއަކީ އަމިއްލަ ޔޫޓިއުބް ޗެނަލްއެއްވެސް ގެންގުޅޭ ކުއްޖެކެވެ.
ސިތާރާގެ މިހުރިހާ ޙަރަކާތްތަކެއްވެސް ކުރިޔަށްދަނީ މަންމައާއި ބައްޕަގެ ބެލުމުންކަމަށާއި އަބަދުވެސް ދަރިފުޅުގެ އުޅެންޖެހޭ ލިމިޓްސްތައް ވިސްނައިދޭކަމަށް ނަމްރަތާވަނީ ބުނެފައެވެ. ސިތާރާވަނީ މިދިޔަ އަހަރު ރިލީޒްކުރި ބައްޕަ މަހޭޝް ބާބޫގެ ފިލްމު "ސަރުކަރޫ ވާރި ޕާތާ"ގެ ހާއްސަ ލަވައެއްގައިވެސް ބައްޕައާއެކު ބައިވެރިވެފައެވެ.
ކުރީގެ ހިންދީ ފިލްމުތަކުން ފެނިފައިވާ ބަތަލާ ނަމްރަތާވަނީ ތެލުގޫ އެކްޓަރު މަހޭޝްއާއި ކައިވެނިކުރުމަށްފަހު ފިލްމީ ދާއިރާ އެއްކޮށް ދޫކޮށްލާފައެވެ. ފިލްމު "ދިލް ވިލް ޕިޔާރު ވިޔާރު"، "ޕުކާރު"ފަދަ ފިލްމުތަކުން ފެނިފައިވާ ނަމްރަތާއާއި މަހޭޝްގެ ކައިވެންޏަށް ސިތާރާގެ އިތުރުން ފިރިހެން ކުއްޖަކުވެސް ލިބިފައިވެއެވެ.