ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާ އަރައި ހަމަ ނުކުރެވޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ރައީސްގެ ރިޔާސީ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ އިތުރުން ވެސް ރައްޔިތުންނަށް ކަންކަން ކޮށްދެއްވާ ކަމަށެވެ.

ވާ ދަމާއިރު މުސްކުޅިން ބުނެ އުޅޭ މިސާލު ބަހަކުން މިސާލު ނަންގަވައި އިމްރާން ވިދާޅުވީ ރައީސް ޞާލިޙް މިއަދު ހުންނެވީ ތިން ރިޔަން ކުރީގައި ކަމަށެވެ.

"އަޅުގަނޑުމެން ކުޑައިރު ވާ ދަމާ އިރު މުސްކުޅިން ބުނާނެ، ދެން އަންނަ އަނެއް ކޮޅުގައި ހިފާ ދަމާލާ މީހުން ދަމައިގަތުމުގެ ކުރިން ރިޔަނެއް ވަރު ދަމާލައިގެން ތިބޭށޭ. ރައީސް ތި ހުންނެވީ ތިން ރިޔަން ދަމާލައިގެން." އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަފުޅުގައި، މ. އަތޮޅުގެ ރައްޔިތުންގެ ހިތްތައް މިއަދު ރައީސް ޞާލިޙް މިއަދު ހޯއްދަވާފައި ކަން ފާހަގަކުރައްވައި ނުސީދާ ކޮށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުގެ ބަސްތަކެއް އަމާޒުކުރެއްވިއެވެ.

އެގޮތުން އިމްރާން ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް މ. ކޮޅުފުށިން ލިބުނީ އެންމެ 19 ވޯޓު ނަމަވެސް މިއަދު، ގައުމަށާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކާ އެކު. ރައީސް ޞާލިޙް އެ މަންޒަރު ބަދަލުކުރައްވައިފި ކަމަށް އޭނާ ވިދާޅުވިއެވެ.