ސެނެގާލްގެ ފޯވަޑް ޕަޕިސް ޑެމްބާ ސީސޭ ކާމިޔާބުކުރި ދެ ލަނޑާ ޗެލްސީ އަތުން 2-0 ލަނޑުން ނިއުކާސަލް ރޭ މޮޅުވުމުން ގަދަ ހަތަރަކަށް އެރުމަށް ޗެލްސީ އަށް ވަރަށް ގިނަ ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

ރަށުން ބޭރުގައި ޗެލްސީ ރޭ ކުޅުނު މިމެޗުގައ ނިއުކާސަލްއިން ޖެހި އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ޑެމްބާ ސީސޭ ކާމިޔާބުކޮށްދިންއިރު، ދެ ވަނަ ލަނޑު އޭނަ ނިއުކާސަލްއަށް ކާމިޔާބު ކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ކުރީ ކޮޅު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ޗެލްސީގެ ޑްރޮގްބާ އާއި ފެންނާޑޯ ޓްރޭސްއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

ރޭގެ މެޗުން ޗެލްސީ ބަލިވުމުން ލީގް ތާވަލްގައި އެޓީމް އޮތީ 61 ޕޮއިންޓާއެކު ހަ ވަނައިގައެވެ. އަދި މެޗުން މޮޅުވި ނިއުކާސަލް އޮތީ 65 ޕޮއިންޓާއެކު ލީގުގެ ފަސް ވަނައިގައެވެ.

މީގެއިތުރުން ލީގުގައި ރޭ ހަތަރު ވަނާގައި އޮތް ޓޮޓެންހަމް ވަނީ ބޯލްޓަން ވޮންޑަރާސް އަތުން 4- 1 އިން މޮޅުވެފަ އެވެ. ޓޮޓެންހަމަށް ވެސް ލިބިފައިވަނީ 65 ޕޮއިންޓެވެ.