ދަ ޑިމޮކްރެޓްސް ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓު ކަނޑައެޅުމަށްޓަކައި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ރިޔާސީ ޕްރިމައިރީގައި ކުރިމަތި ލުމުގެ ފުުރުސަތު ހުޅުވާލާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް އެކުލަވާލުމަށް ފަހު ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ޕްރައިމަރީއަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ ތާރީޚު ކަނޑައަޅާނީ އިންތިހާބުތަކާ ބެހޭ ކޮމިޓީން ކަމަށް އޭނާ ވިދާޅުވިއެވެ. މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ މުހިންމު ޕާޓީގެ މުހިންމު ބައެއް ކޮމިޓީތައް ހޮވާފައި ވާއިރު، އޭގެ ތެރޭގައި އިންތިހާބުތަކާ ބެހޭ ކޮމިޓީ ވެސް ހިމެނެއެވެ.

ދަ ޑިމޮކްރެޓްސްއަކީ ކުރިން އެމްޑީޕީގައި ތިބި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އުފެއްދި ޕާޓީއެކެވެ.

މިހާތަނަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވަން އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައި ނުވީ ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނީ މިދިޔަ ހަފުތާގައި އެ ޕާޓީއަށް ސޮއިކުރެއްވި ނަޝީދު ކަމަށެވެ.