މ. މުލަކުން، މުޙައްމަދު ނާއިލް ހަފީޒް

ސަރުކާރުން އެކި މަޝްރޫތަކަށް ނަގާ ދަރަންޏާ ގުޅޭގޮތުން އިދިކޮޅު ޕާޓީތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ދެން އަންނަ ފަސް އަހަރުގެ ދައުރުގެ ފަހު އަހަރު ދައުލަތުގެ އާމްދަނީ 50 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވި އެންމެ ބޮޑެތި ދައްޗަކީ ކޮވިޑުގެ ބަލިމަޑުކަން ކަމަށެވެ. އެ ހާލަތުގައި ސަރުކާރުން ލޯނު ނަގައި މަސައްކަތް ކުރީ ރައްޔިތުން ނިކަމެތިކަމުގެ ތެރެއަށް ވައްޓައިނުލާ ކުރިއަށްދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރުގެ އަމާޒަކީ 2028ވަނަ އަހަރު ދައުލަތުގެ އާމްދަނީއަށް 50 ބިލިއަން ރުފިޔާ ވެއްދުން. އެ ދުވަހު ލޯނު ނަގައިގެން އަޅުގަނޑުމެން ކުރި މަސައްކަތަކީ ރާއްޖޭގެ އިގްތިޞާދު ކޮޅަށް ޖެހުން. ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުން. އޭގެ ނަތީޖާ މިއަދު މި ފެންނަނީ. ޕްލޭނެއް އޮވެ ރޭވުންތަކެއް އޮވެގެން ކަން ކުރީމާ ފެންނަ މަންޒަރު،" ރައީސް ވިދާޅުވިއެވެ.

ކޮވިޑުގެ ތެރޭގައި އިޤްތިޞާދު އިނދަޖެހުނަ ނުދިނުމުގެ ގޮތުން ކުރި ކަންކަމުގެ ތެރޭގައި ރައީސް ލިސްޓުކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އިންކަމް ސަޕޯޓުގެ ގޮތުގައި 421 މިލިއަން ރުފިޔާ 22،000އަށް ވުރެ ގިނަ މީހުންނަށް ދިނުން

  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 380 މިލިއަން ރުފިޔާ ސޮފްޓް ލޯނުގެ ގޮތުގައި ދޫކުރުން
  • ރިސޯޓު ހިންގާ ފަރާތްތަކާއި ބޮޑެތި ވިޔަފާރިތަކަށް 1.1 ބިލިއަން ރުފިޔާ ލުއިލޯނުގެ ގޮތުގައި ދޫކުރިކަމަށް

މުލަކުގައި އޮތް ރައީސްގެ ކެމްޕޭން ޖަލްސާގައި އެ މަނިކުފާނު ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ކޮވިޑުގެ ބަލިމަޑުކަމާއެކު ކުރިމަތިވި ދަތިކަމުން އަރައިގަނެވުނުތަނާ ދެން ކުރިމަތިވި ބޮޑު ގޮންޖެހުމަކީ ރަޝިއާ ޔޫކްރެއިން ހަނގުރާމަކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ންފްލޭޝަން މަތިވެ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލެން މެދުވެރިވި ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ.

"ޚާއްސަކޮށް ތެލުގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔައީ. އަޅުގަނޑުމެން ބަޖެޓުކޮށްފައި އޮތް މިންވަރަށް ވުރެ އިތުރަށް ކޮންމެ މަހަކު 20 މިލިއަން ޑޮލަރު ބަޖެޓުން ހޭދަކުރަން ޖެހުނު. ރައްޔިތުންނަށް ހެޔޮ އަގެއްގައިި ތެޔޮ ފޯރުކޮށްދިނުމަށް ޓަކައި ސަރުކާރުން 2.3 ބިލިއަން ރުފިޔާ އަޅުގަނޑުމެން މިދިޔަ [އަހަރު] ހޭދަކުރިން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން އެ ބުރަ އުފުލައި ރައްޔިތުންނަށް ތަކުލީފު ކުޑަކުރުން ކަމަށެވެ. "ރައްޔިތުންނޭ، ސަރުކާރުން އެ ބުރަ އުފުލި. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ އެބަފެނޭ،" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީީސް ވިދާޅުވީ މީގެ ކުރިން ވޯލްޑް ބޭންކާއި އައިއެމްއެފުން ރާއްޖޭގެ އިގްތިޞާދު ހަ ޕަސެންޓުގައި ކުރިއަރާނެ ކަމަށް ބުނި ނަމަވެސް އޭގެ އިތުރުން 3.4 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

މުލަކުގައި އޮތް ރައީސްގެ ކެމްޕޭން ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

އިޤްތިޞާދީ ދަތިކަމުގެ ތެރޭގައި ރައީސް ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ފަތުރުވެރިންނަށް އަލުން ބޯޑަރުތައް ހުޅުވާލުމެވެ. މިއަދަކީ އެ ދުވަހަށް ތިން އަހަރު ފުރޭ ދުވަސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވަމުންދާ މިންވަރު ފެންނަމުންދާ ކަމަށެވެ.