މި އަހަރުގެ އެއް މިލިއަން ފަތުރުވެރިޔާ މާދަމާ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް މި އަހަރު ވާސިލްވެފައި މިވަނީ، އެހެން އަހަރުތަކަށް ވުރެ އަވަހަށެވެ. އެގޮތުން، ވޭތުވެދިޔަ ހަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، އޮގަސްޓް މަހު ނުވަތަ އެއަށް ވުރެ ފަހުންނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ތާރީޚުތައް:

  • 2017: 21 ނޮވެމްބަރު
  • 2018: 09 ސެޕްޓެމްބަރު
  • 2019: 21 އޮގަސްޓު
  • 2020: ކޮވިޑުގެ ސަބަބުން މިލިއަން ފަތުރުވެރިން ޒިޔާރާތް ނުކުރޭ
  • 2021: 29 ސެޕްޓެމްބަރު
  • 2022: 12 އޮގަސްޓު

ރާއްޖެއަށް އެންމެ ފުރަތަމަ އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ 2013 ވަނަ އަހަރުގައެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެ އަންނާނީ މާދަމާގެ މެންދުރުގެ ވަގުތެއްގައެވެ.

ސަރުކާރުގެ ބަޖެޓު ފޮތުގައިވާ ގޮތުގައި މި އަހަރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ. މިދިޔަ އަހަރު ސަރުކާރުން 1.6 މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ކުރިއިރު، އެ އަމާޒަށް ވާސިލުވެ، މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.68 މިލިއަނަށް އެރިއެވެ.