16 Jul 2023, 08:48
ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގައި މީނާ ކުމާރީގެ ރޯލަށް ކްރިތީ ސެނޮން ގެންނަން ނިންމާފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމަކީ، ބަތަލާ މީނާ ކުމާރީއަށް ދެވޭ ޓްރިބިއުޓެއްކަމަށްވެސް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.
މިވަގުތު ބޮލީވުޑުގައި ފައިތިލަ ސާބިތުކޮށްފައިވާ ބަތަލާ ކްރިތީއަށް މީނާ ކުމާރުގެ ރޯލް ހުށަހަޅަން ނިންމާފައިވާއިރު މިފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްވަނީ ނިމުމުގެ މަރުޙަލާގައެވެ. ބޫޝަން ކުމާރު ޕްރޮޑިއުސްކުރާ މިފިލްމަކީ، އިންޑިއާގެ ކާމިޔާބު ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތްރާ ފިލްމު ޑައިރެކްޝަނަށް ތަޢާރަފުވާ ފިލްމުވެސްމެއެވެ. މަނިޝް މަލްހޯތްރާ ފިލްމު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެފައިވާއިރު މަނިޝްއަށް ބޮޑުބޭބެ ކިޔާ ޕުނީތް މަލްހޯތްރާއަކީ ބޮލީވުޑްގެ ޒުވާން ޑައިރެކްޓަރުންގެ ލިސްޓުގައި ގުނާލެވޭ ކާމިޔާބު ޑައިރެކްޓަރެކެވެ.
ހިންދީ ސިނަމާއަށް ޢުމުރުން އެންމެ ހަތަރު އަހަރުގައި ނުކުތް މީނާ ކުމާރީއަކީ، 'ދަ ޓްރެޖެޑީ ކުއީން'ގެ ގޮތުގައި މަޝްހޫރުވެފައިވާ ބަތަލާއެކެވެ. މިހާތަނަށް ހިންދީ ސިނަމާ ދުށް އެންމެ ކާމިޔާބު އަދި ރީތިކަމަށް ގިނަބަޔަކު މިސާލެއްގެގޮތުގައި ނަގާ ބަތަލާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭގައި، "ފޭސް"، "އަދޫރީ ކަހާނީ"، "ޕޫޖާ"އަދި "އޭކްހީ ބޫލް" ހިމެނެއެވެ.
ހިންދީ ސިނަމާގައި ދިގު މުއްދަތަކަށް މަސައްކަތްކުރި މީނާ ކުމާރީ މަރުވީ އުމުރުން 38 އަހަރުގައި ފުރަމެއަށް ޖެހުނު ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މީނާ ކުމާރީ ކުޅެފައިވާ މަޝްހޫރު ލަވަ އަޖީބް ދާސްތާއަކީ މިއަދާހަމައަށްވެސް ގިނަބައެއްގެ މެދުގައި މަގުބޫލު ލަވައެކެވެ.