ހިންދީ ސިނަމާގެ ދުވަސްވީ ޑައިރެކްޓަރު ސުބާޝް ގާއިގެ ކާމިޔާބު ފިލްމު "ކަލް ނަޔަކް"ގެ ސީކުއަލްއެއް އުފައްދާނެކަމަށް ރިޕޯޓުތަކުން ބުނި ނަމަވެސް މި ޚަބަރުތައް އެކްޓަރު ޖެކީ ޝްރޮފް ދޮގުކޮށްފިއެވެ.

މި ޚަބަރާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޖެކީ ޝްރޮފް ބުނެފައިވަނީ "ކަލް ނާޔަކް" އުފެއްދިތާ 30 އަހަރު ފާއިތުވެފައިވާއިރު އެފިލްމުގެ ސީކުލްއެއް ގެނެސްދިނުމުގެ ބޭނުމެއް ނުފެންނަކަމަށެވެ. ބަތަލާ މަދޫރީއާއި ޖެކީ ޝްރޮފް އަދި ސަންޖޭ ދަތު މުހިއްމު ރޯލް ކުޅެފައިވާ މިފިލްމުގައި ޖެކީ ފެނިފައިވަނީ ސިފައިންގެ މީހެއްގެ ރޯލްއިންނެވެ.

މަޝްހޫރު ލަވަ 'ޗޯލީކޭ ޕީޗޭ ކިޔާ ހޭ' ލަވަޔާއެކު ފިލްމަށް ލިބުނު މަގުބޫލުކަން އިތުރުވިއިރު ސުބާޝް ގާއިވަނީ ޖެކީ ޝްރޮފްއާއެކު އިތުރު ފިލްމެއް އުފައްދަން ނިންމާފައިކަމަށް އެކްޓަރުވަނީ ބުނެފައެވެ. އެހެންކަމުން ބެލުންތެރިން އަދި މާޔޫސްނުވުމަށް ޖެކީވަނީ އެދިފައެވެ.

ފިލްމާބެހޭގޮތުން މާގިނަ ތަފުސީލު ދެވެން ނެތްކަމަށްބުނެ ޖެކީވަނީ ފިލްމުގެ ނަމަކީ "ސަލާޚެން"ކަމަށް ބުނެފައެވެ. ގިނަ ފިލްމުތައް ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށްފައިވާ ސުބާޝް ގާއިއާއެކު މަސައްކަތްކޮށްލަން ލިބޭ ފުރުސަތަކީ ވަރަށް ބޮޑު އުފަލެއް އިހުސާސްވާ ކަމެއްކަމަށާއި އަމިއްލަވަންތަކަމެއް ސުބާޝް ގާއިގެ ފިލްމު ސެޓުގައި އިހުސާސްވާކަމަށް ޖެކީވަނީ ބުނެފައެވެ.

ފިލްމު "ސަލާޚެން"ގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރު މަހު ފެށުމަށް ނިންމާފައިވާކަމަށްވެސް 66 އަހަރުގެ އެކްޓަރުވަނީ ބުނެފައެވެ.

ހިންދީ ފިލްމުތަކުގެ އިތުރުން ބައެއް ތަމަޅަ ފިލްމުތައްވެސް ކުޅެފައިވާ ޖެކީ މިދިޔަ އަހަރު ބެލުންތެރިންނަށް ގިނަ ފިލްމުތަކުންވަނީ ފެނިފައެވެ. އޭގެތެރޭގައި "ރަޝްތްރާ ކަވަޗް އޯމް"، "ފޯން ބޯތު" އަދި "ލައިފްސް ގުޑް" ހިމެނެއެވެ.

ޖެކީގެ ކުރިޔަށްހުރި އުއްމީދީ ފިލްމުތަކުގެތެރޭގައި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން" "އަދި ޑައިރެކްޓަރު ވިވެކް ޗޯހަންގެ ފިލްމު "ބާޕް" ހިމެނެއެވެ. ބޮޑު ކާސްޓެއް ހިމެނޭ މިފިލްމުގައި ޖެކީއާއެކު ފެންނާނެ އިތުރު އެކްޓަރުންގެތެރޭގައި ސަނީ ޑިއޯލް އަދި މިތުން އަދި ސަންޖޭ ދަތު ހިމެނެއެވެ.