16 Jul 2023, 08:40
ރައްކާތެރި ސާފު ބޯފެން ޢާއްމުންނަށް ފޯރުކޮށް ނުދެވުމަކީ ލަދުވެތިވާންޖެހޭ ކަމެއްކަމަށް ބުނެ ޑައިރެކްޓަރު ހަންސަލް މެހެތާ މުމްބާއިގެ ފެނުގެ މަރުކަޒުގެ ކަމާބެހޭ ފަރާތްތަކަށް ވަރަށްބޮޑަށް ފާޑުކިޔައިފިއެވެ.
ޓްވިޓާ މެދުވެރިކޮށް ހަންސަލް މެހެތާގެ ފާޑުކިޔުންތައް އެފަރާތްތަކަށް އަމާޒުކޮށްފައިވަނީ ދާދިފަހުން ހަންސަލް މެހެތޭ ވަރަށް ބޮޑަށް ބަލިވުމާ ގުޅިގެންނެވެ.
މުމްބާއި ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަކީ، ސަރުކާރުގެ ޒިންމާއެއްކަމަށާއި މިއީ ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ އިންސާނީ ޙައްޤެއްކަމަށެވެ.
މާބޮޑަށް ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ހަންސަލް މެހެތާގެ ޑޮކްޓަރު ބުނެފައިވަނީ ހަމައެކަނި އެދުވަހުވެސް މިބަލީގައި ދިހަ ފަރާތަކަށް ފަރުވާ ދީފައިވާކަމަށްކަމަށް ހަންސަލް މެހެތާގެ ޓްވީޓަ ޕޯސްޓުގައި ބުނެފައިވެއެވެ.
އިންޑިއާގެ އެންމެ ބޮޑު އަދި ތަރައްޤީވެފައިވަ ސިޓީގައި ސާފު ބޯފެން ފޯރުކޮށްދެވެން ނެތުމަކީ އެއިދާރާތަށް ލަދުވެތިވާން ޖެހޭކަމެއްކަމަށް ކާމިޔާބު ގިނަ ފިލްމުތައް އުފައްދާފައިވާ ޕްރޮޑިއުސަރުވަނީ ބުނެފައެވެ.
ހަންސަލް މެހެތާގެ މި ފާޑުކިޔުންތަކާއެކު ގިނަ ބަޔަކުވަނީ މިކަމަށް އެއްބަސްވާކަމަށްބުނެ ޕޯސްޓުކޮށްފައެވެ. އަދި ގިނަ ބަޔަކުވަނީ އެފަރާތްތަކަށް ދިމާވެފައިވާ މިފަދަ އެހެން މަސައްލަތައްވެސް ޓްވިޓާގައި ޕޯސްޓުކޮށްފައެވެ.
ޕްރޮޑިއުސަރު ހަންސަލް މެހެތާގެ ފިލްމީ ކެރިއަރު އޭނާ ފެށީ 1993ގައި ޓެލެވިޒަން ޝޯވް 'ކާނާ ޚަޒާނާ'އިންނެވެ. ހަންސަލް މެހެތާގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެތެރޭގައި 2014ވަނަ އަހަރު ޑައިރެކްޓްކުރި ފިލްމު "ސިޓީ ލައިޓްސް" "ސިމްރަން" އަދި 2013ވަނަ އަހަރު ޤައުމީ އެވޯޑް ހޯދި ފިލްމު "ޝާހިދު" ހިމެނެއެވެ.
ހަންސަލް މެހެތާ ދާދިފަހުން ނެޓްފްލިކްސްއަށް ތައްޔާރުކޮށްދިން ވެބް ސީރީސް ކްރައިމް ޑްރާމާ ސީރީސް "ސްކޫޕް"އަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ވެބް ސީރީސްއެކެވެ. ހަންސަލް މެހެތާގެ ފިލްމެއް ދެން އެންމެ އަވަހަށް ސިނާމަތަކަށް ގެންނަން ނިންމާފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ.
ރިލީޒްކުރާނެ ވަކި ތާރީޚެއް ހަމަޖެހިފައިނުވާ މިފިލްމަކީ ބަތަލާ ކަރީނާ ކަޕޫރާއެކު ޝޫޓިންގް ނިންމާފައިވާ "ދަ ބަކިންގްހަމް މާޑަސް"އެވެ. މިފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައިވަނީ އިނގިރޭސިވިލާތުގައެވެ.