03 May 2012, 12:29
މިނިސްޓަރުންގެ މަސައްކަތުގައި ބޭނުންކުރުމަށް ލެޕްޓޮޕާއި އައިޕެޑާއި މޯބައިލް ފޯނު ފަދަ ތަކެތި ގަތުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފި އެވެ.
ފިނޭންސުން މިދިޔަ ހޯމަ ދުވަހު މިނިސްޓްރީތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ވަޒީރުންގެ ގާނޫނީ މަސްއޫލިއްޔަތު އުފުއްލެވުމަށް ސަރުކާރުން ދޭންޖެހޭ ބައެއް ތަކެތި ހޯދާފައިވާ ނުވާ ކަމަށާއި އެ ތަކެތި ހޯދާފައި ނުވާ މިނިސްޓްރީ ތަކުން އެ ތަކެތި ހޯދުމަކީ "އެންމެ ރަނގަޅު" ކަމެއް ކަމަށެވެ.
ސާކިއުލާގައި ދަށުން މިނިސްޓަރުން ހޯދުމަށް ހުއްދަދީފައިވަނީ މޯބައިލް ފޯނަކާއި ލެޕްޓޮޕް ނޫނީ ނޯޓް ބުކް ކޮމްޕިއުޓަރަކާއި ޑެޕްލެޓް ޕީސީ ނުވަތަ އައިޕެޑެއް އަދި އެއާ އެކު ޑޭޓާ ސިމެއް ބޭނުން ކުރަންޖެހޭނަމަ އެ ސިމާއި ޑޭޓާ ޕެކޭޖްވެސް ހޯދުމަށެވެ.
ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ސޮއި ކުރައްވާފައިވާ ސާކިއުލާގައި މިނިސްޓަރުންގެ ފޯނުބިލް ދެއްކޭނޭ އުސޫލެއް ވެސް ވަނީ ކަޑައަޅާފަ އެވެ. އެގޮތުން މިނިސްޓަރެއްގެ ފޯނު ބިލަށް ލިބެނީ މަހަކަށް 4000ރ. އެވެ. އެއަށް ވުރެ އިތުރުވާ ފައިސާ ދައްކަން ޖެހޭނީ އަމިއްލަ ޖީބުން ކަމަށް ސާކިއުލާގައިވެ އެވެ. އަދި ރާއްޖެ ބޭރަށް ދަތުރުކުރައްވާއިރު ރޯމިން ހިދުމަތް ބޭނުންކުރާނަމަ އެ މަހެއްގެ ބިލުން ކޮށްފައިވާ ރަސްމީ ކޯލުތައް އެ މިނިސްޓަރަކު ފާހަގަކޮށް ބިލްގައި ސޮއި ކުރުމުން އެ ކޯލްތަކަށް ސަރުކާރުން ފައިސާ ދޫކުރާގޮތަށްވެސް ވަނީ ނިންމާފަ އެވެ.
ސާކިއުލާގައި ބުނަނީ އެ ތަކެތި ގަންނަން ކުރަންޖެހޭ ހަރަދުތައް ކުރުން އެންމެ ރަނގަޅީ އެ މިނިސްޓްރީއެއްގެ ބަޖެޓުން ކަމަށެވެ. އަދި މިނިސްޓަރުންގެ މަސައްކަތަށް ބޭނުންވާ ތަކެތި މިހާތަނަށް ހޯދާފައި ނުވަނީ އެ ތަކެތި ހޯދާނެ އުސޫލެއް ސާފުވެފައި ނުވާތީކަމަށްވެސް ސާކިއުލާގައިވެ އެވެ.
ސަރުކާރުން ހިންގުމަށް ވަނީ 14 މިނިސްޓްރީއެއް އެކުލަވާލައި ކޮންމެ މިނިސްޓްރީއަކަށް މިނިސްޓަރެއް ހަމަޖައްސާފަ އެވެ. އަދި ކޮންމެ މިނިސްޓްރީ އެއްގައި އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ސްޓޭޓް މިނިސްޓަރާއި ނައިބު މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވަ އެވެ. އަދި ސަރުކާރުން މިހާރު އަންނަނީ އިތުރު ދެ މިނިސްޓްރީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.