އެމެޒޯންގެ ފާމަސީ ޔުނިޓުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސެމާފޯގެ ރިޕޯޓެއްގައި ބުނެފިއެވެ.

ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރޭގައި ގާތްގަނޑަކަށް 80 މުވައްޒަފުން ހިމެނޭއިރު، އޭގެ ތެރޭގައި ގިނައީ ފާމަސީ ޓެކްނީޝަނުންނާއި ޓީމް ލީޑަރުންނެވެ. ރަޖިސްޓްރީކޮށްފައިވާ ފާމަސިސްޓުންނަށް މިކަމުގެ އަސަރެއް ނުކުރާ ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.

އެމެޒޯންގެ ތަރުޖަމާނަކު ވިދާޅުވީ މިހާރު މި ބަދަލުތައް ގެންނަނީ ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށާއި، އިންވެސްޓަރުން އިތުރު ކުރުމަށް ކަމަށެވެ. އެއީ ދިގު މުއްދަތަކަށް ކުންފުނީގެ ވިޔަފާރި ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅު ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެއް ފަހަރާ ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފައި މިވަނީ އެމެޒޯންއަށް ފާމަސީ މާކެޓުގައި ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ވޯލްމާޓް، ސީވީއެސް ހެލްތު، އަދި ވޯލްގްރީންސް އަކީ މި ދާއިރާގެ ބޮޑެތި ކުންފުނިތަކަށްވާއިރު، އެމެޒޯނަށް ވަނީ ދާއިރާގައި ކުރިއެރުން ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެފައެވެ.

މީގެ އިތުރުން އެމެޒޯންއަށް ވަނީ އިގްތިސާދީ ހީނަރުކަމެއްވެސް ކުރިމަތިވެއެވެ. ދާދި ފަހުން އެ ކުންފުނިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހަރު ތެރޭގައި އާމްދަނީ ކުރިއަރަމުން އަންނަ މިންވަރު މަދުވުމުން، ވަޒީފާތައް މަދުކުރުން އެކުންފުންޏަށް ވަނީ މަޖުބޫރުވެފައެވެ.

މިދިޔަ ޖެނުއަރީ މަހު އެ ކުންފުނިން ވަނީ 18،000 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ.

ރިޕޯޓައް ބުނާގޮތުން ގިނަ މީހުންތަކެއް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެމެޒޯންގެ ފާމަސީ ވިޔަފާރިއަށް އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.

އެ ކުންފުނިން ބުނެފައި ވަނީ ހުސްވި ޖާގަތަކަށް، މިހާރު ތިބި މުވައްޒަފުން ބޭނުންކޮށްގެން ގޮތެއް ހަމަޖައްސާނެ ކަމަށާއި، ނަމަވެސް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ކުންފުނި ފުޅާކުރުމުގެ ޕްލޭންތައް ލަސްވެދާނެ ކަމަށެވެ.

އެމެޒޯންއިން ސިއްހީ ދާއިރާގެ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްކޮށް، ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރި ނަމަވެސް އަދި މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ. އަދި ހެލްތްކެއާ މާކެޓުގައި ދިގު މުއްދަތަކަށް އެމެޒޯންއަށް އޮވެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.