ލޫގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި އަހަންނަށް ވަނީ އެތައް ގޯހެއް ހެދިފައެވެ. ލޯބި ހިމާޔަތް ކުރުމަށް ކޮންމެފަދަ ކަމެއް ކުރަންވެސް އަހަރެން ހުރީ ތައްޔާރަށެވެ. އެ ލޯބީގައި ދީވާނާ ވެފައިވާ މީހަކު ފަދައިން އަހަރެންގެ މިދެއަތުން އިންސާނެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރެވުނެވެ. އެކަމަށްޓަކައި އަހަންނަށް އަމިއްލަ ނަފުސަށް ދުވަހަކުވެސް މައާފެއް ނުކުރެވޭނެއެވެ. އަކިއަލްއަށް ގެއްލުންދިނީ އަހަންނެވެ. އަހަރެން އެކަން ކުރީ ލޫ ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް ކުރެވުނު ކުށުގެ ބޮޑުކަން އިހުސާސްކުރެވުނީ ކަންވެ ނިމުނު ފަހުންނެވެ. އޭގެ އަދަބުވެސް އަހަންނަށް ވަނީ ލިބިފައެވެ.

********

އަހަރެން ލޫ އާއި ދުރުން އުޅުނަސް، ލޫގެ ކަންތައްތައް ބަލަމުން ދިޔައީމެވެ. ލޫ ހިތާމައިގައި ވާތަން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ކުދިކުދިވެގެން ދެއެވެ. އެނބުރި އައިސް ލޫގެ ކައިރިން މައާފަށް އެދެން ކިތަންމެ ފަހަރަކު ބޭނުންވިއެވެ. ހިމާޔަތާއި ރައްކާތެރިކަން ދޭން ބޭނުންވިއެވެ. އަބަދަށް އެކީ ހުރެދޭނަމޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އަހަރެން ހުރީ މަޖުބޫރީ ހާލަތެއްގެ ތެރޭގައި ހައްޔަރުވެފައެވެ.

ލޫގެ ހަޔާތަށް އިންސާނަކު އައުމުން އެކަމާއި ނުރުހެވުނެވެ. އެހެން މީހަކާއިއެކު ލޫ އުޅޭތަން ދުށުމަށް އަހަންނަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟ އެކަމަކު، އަހަންނަށް ލޫ އާއިއެކީ އުޅެވެން ނެތްއިރު، ލޫގެ އުފާވެރިކަމަށް ހުރަސްއަޅައިގެން ނުވާނެކަމަށް އަމިއްލަ ހިތަށް ވިސްނައިދިނީމެވެ. ފިޒާލް އަކީ ހުރިހާ ގޮތަކުން ވެސް ލޫ އާއި އެންމެ އެކަށީގެންވާ މީހާއެވެ. އަހަންނަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތް ނުތަނަވަސްވެއެވެ. އެކަމަކު، އަމިއްލަ އުފަލަށްޓަކައި، ލޫގެ އުފާވެރި ދިރިއުޅުން ހަލާކުކޮށްލާކަށް ބޭނުމެއް ނޫނެވެ.

އަހަންނާއިމެދު ލޫ ދެކެމުން އައި ގޮތް ބަދަލުވުމުން ވަރަށް ދެރަވެއެވެ. ފިޒާލްގެ ކޮއްކޮ އަކިއަލްގެ ސަބަބުން ލޫއަށް ކުރިމަތިވި ގޯނާތައް ފެނި އަހަރެންގެ ހިތުގައި އަކިއަލް އާއި މެދު ނަފުރަތު އުފެދުނެވެ. ދުވަހަކު ލޫއަށް ކައިރިނުވެވޭ ވަރުގެ އަދަބެއް އަކިއަލްއަށް ދިނުމަށް އަހަރެންގެ ހިތް ބުންޏެވެ.

ލޫއެވެ. އަހަރެން މިދަނީ އަހަރެންގެ ހިތް ލޫއަށް ހިބައިން ދިނުމަށް ފަހުގައެވެ. ދުވަހެއްގެ ކޮޅުންވެސް އަހަންނަށް މައާފުކޮށްދެވޭނަމަ އެކަން ކޮށްދިނުން އެދެމެވެ. އެނޫން ގޮތަކުން އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ތިޔަ ރީތި ސޫރަ މިހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ. އެކީ ހޭދަކުރެވުނު ފޮނިފޮނި ވަގުތުކޮޅުގެ ހަނދާން ދެންމެ ވީ ކަމެއްހެން ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ. ތި ރީތި ސޫރަ އަބަދަށްޓަކައި މިހިތުގެތެރޭ ފޮރުވާލަމެވެ.

********

"ނުދާނޭ ތިހަނދާން ފިލާ......" ފަހު ސަފުހާގައިވާ ލިޔުންކޮޅު ކިޔައި ނިމުނުއިރު، ލަޔާލްގެ ދެލޮލުން ކަރުނަތައް ބަންޑުންވަނީއެވެ. ލަޔާލް ހުރީ ފޮތް މޭގައި ޖައްސާލައިގެންނެވެ. ދުވަހަކުވެސް އެ ފޮތް ހަށިގަނޑާއި ވަކިކޮށްލަން ބޭނުން ނުވެފައި ހުރި ކަހަލަ ގޮތަކަށެވެ.

އިންސާނަކަށް ނުވިޔަސް، ލަޔާލްދެކެ އުގައްޔިލް އެވީ ކިހާ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އެލޯބީގެ ބަދަލުގައި ލަޔާލަށް ދެވުނީ ކޯއްޗެއް ހެއްޔެވެ؟ އިންސާނުންނާއި ޖިންނިން އެކުގައި އުޅޭ ވާހަކަތަކަކީ ލަޔާލް ވަރަށް ގިނައިން އަޑު އަހާފައިވާ ވާހަކަތަކެކެވެ. އޭނާ ކުރިން ގަބޫލުކުރީ އެއީ ފުލޯކު ވާހަކަތަކެއް ކަމުގައެވެ. ލޯކުރިމަތީގައި ހިނގައިދިޔައީ ހަގީގަތެއް ކަން ގަބޫލުކުރަން އަދިވެސް ލަޔާލަށް އުނދަގުލެވެ. އެކަމަކު، ހުރިހާ ކަމެއް ހިނގައިދިޔައީ ލަޔާލްގެ ކުރިމަތީގައެވެ. އެ ހަގީގަތް ގަބޫލުކުރަން ލަޔާލަށް މިއަދު މަޖުބޫރުވެއްޖެއެވެ.

2 މަސް ފަސް

"ދަރިފުޅާ..... އާދެބަލަ...." ލަޔާލް ބަދިގޭގައި އުޅެނިކޮށް ސަކީނާ ގޮވާލި އަޑު އިވުނެވެ.

"ކީކޭ މަންމާ...." ލަޔާލް ނުކުތީ ޓިޝޫއަކުން އަތް ފޮހެމުންނެވެ.

"ކޯޓުން ކޮންމެސް އެއްޗެއް ހަވާލުކުރަން އައިސް އެބަހުރި.... ދޭބަލަ އެއަށް ހަވާލުވާން...." ސަކީނާ ހުރީ ނުތަނަވަސްވެފައެވެ.

ލަޔާލް ދޮރުމައްޗަށް ނުކުމެ ދެކޮޅު ބަލާލިއެވެ. ފައިލެއް ހިފައިގެން މީހަކު ހުއްޓެވެ. ލަޔާލް ފެނުމުން، ހިނިތުންވެލިއެވެ.

"ލަޔާލް ދެއްތޯ؟...." އެމީހާ ސުވާލު ކުރިއެވެ.

"ލައްބަ...." ލަޔާލް ބޯ ޖަހައިލިއެވެ.

"މީ ކޯޓަށް ހާޟިރުވުމުގެ އަމުރު...." އަތުގައި އޮތް ފައިލު ލަޔާލްގެ އަތަށް ދިއްކޮށްލަމުން އެމީހާ ބުންޏެވެ.

ލަޔާލްގެ ދެފައި ތުރުތުރު އަޅައިގަތެވެ. އޭނާއަށް ފައިލާއި ދިމާއަށް ބަލާލެވުނީ ބިރުވެރި އެއްޗަކާއި ދިމާއަށް ބަލާ ފަދައިންނެވެ. ލަޔާލް ފާޑަކަށް ބަލަން ހުއްޓާ، ކޯޓުގެ މުވައްޒަފު ގަލަން ދިއްކޮށްލިއެވެ.

"މިތަނުގައި ސޮއިކޮށްލަދެއްވާ...." އެމީހާ އެދުނެވެ.

ތުރުތުރު އަޅަމުންދިޔަ އަތަކުން ލަޔާލް އެމީހާ ދެއްކި ތަނުގައި ސޮއިކުރިއެވެ. އެމީހާ ދިން އަމުރު ހިފައިގެން އަވަސް އަވަހަށް އެތެރެއަށް ވަނެވެ. ސަކީނާ ހުރީ ލަޔާލް އެތެރެއަށް ވަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

"ދީބަލަ މަންމަ އަތަށް..." ލަޔާލްގެ އަތުން ކޯޓު އަމުރު އަތުލަމުން ސަކީނާ ބުންޏެވެ.

"މިކޯޓަށް ހުށަހެޅިފައިވާ ވަރީގެ މައްސަލައަކާއި ގުޅިގެން...." އަމުރުގައި އޮތް އެއްޗެއް ކިޔާލި ސަކީނާއަށް ލަޔާލާއި ދިމާއަށް ބަލައިލެވުނީ ހާސްވެފައެވެ.

އަކިއަލްގެ ހަގީގަތް އެނގުމުން، ސަކީނާ ލަޔާލް އޭނާގެ ގެއަށް ގެނައީ ހުރި ހަމައެކަނި ދަރިފުޅަށް ރައްކާތެރި މާހައުލެއް ހޯދައިދޭށެވެ. ފަހަރެއްގައިވެސް ފިޒާލާއި ލަޔާލް ދުރުކުރުވުމުގެ މަގުސަދުގައެއް ނޫނެވެ. ސަކީނާގެ ކައިރީގައި ލަޔާލް ހޭދަކުރި މަސްދުވަހުގެ ތެރޭގައި ފިޒާލް އެންމެ ފަހަރަކުވެސް ލަޔާލް ހޯދަން އެގެއަށް ގޮސްފައެއް ނުވެއެވެ. ސަކީނާ ހީކުރީ، ކަންތައް ވީގޮތުން ފިޒާލަށް އެގެއަށް އަންނަން ނުކެރުނީ ކަމަށެވެ. ދުވަސްކޮޅަކުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ. ހުދު ލަޔާލްވެސް އުއްމީދުކޮށްގެން ހުރީ ކުޑަ ދުވަސްކޮޅެއްވުމުން ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އޭގެ އިދިކޮޅަށެވެ. "ވަރި" އެލަފުޒު ދެކެ ލަޔާލް ކިތަންމެ ރުޅި އައި ނަމަވެސް އޭނާގެ ދިރިއުޅުމުގައި އެލައްގަނޑު ޖެހެނީކަން ގަބޫލުކުރަން ޖެހުނީއެވެ.

"ދަރިފުޅާ..... ހިތްވަރުކުރޭ....." ސަކީނާގެ އަޑު ކުރެހުނެވެ.

ލަޔާލް އޭނާގެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދައިލަން އުޅުނަސް، ލަޔާލަށް އެކަމެއް ނުކުރެވުނެވެ. އެންމެން އޭނާ ދޫކޮށްފައި ދިޔައީއެވެ. ލަޔާލްގެ ބައްޕަ އަކީވެސް ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކެވެ. ކެންސަރުބަލީގެ އެންމެފަހު ދުވަސްތައް އެ ބައްޕަ ގުނަމުންދާ ދުވަސްކޮޅެއްގައި ލަޔާލްގެ ސަބަބުން އެ ބަލި ބޮޑުވެދާނެތީ އެކަމާއިވެސް އޭނާއަށް ވިސްނަން މަޖުބޫރުވިއެވެ.

ފިޒާލްގެ ނަންބަރަށް ގުޅަން ލަޔާލްގެ ހިތް އެދެމުން ދިޔައެވެ. ނަމަވެސް އެކަން ކުރާނެ ހިތްވަރެއް ލަޔާލްގެ ގަޔަކު ނެތެވެ. ލަޔާލް ވެއްޓިގަތީ އެނދުމައްޗަށެވެ. އޭނާ ބޭނުންވީ ހިތް ފުރެންދެން ރޯލާށެވެ.

"ދަރިފުޅާ.... ދޮރު ހުޅުވަބަލަ...." ކޮޓަރި ދޮރުގައި ޓަކިޖަހަމުން ސަކީނާ ގޮވިއެވެ.

ސަކީނާގެ އަޑު އިވުނު ނަމަވެސް ތެދުވާނެ ހަކަތައެއް ލަޔާލްގެ ހަށިގަނޑުގައި ނެތެވެ. ފިޒާލް އާއި ވަކިވާކަށް ލަޔާލް ބޭނުމެއް ނޫނެވެ. އެކަމަކު ލަޔާލަކީ ދަރިން ލިބުމުން މަހުރޫމުވެފައިވާ މީހެއްކަން ހަނދާންވުމުން އެ ހިޔާލު ބަދަލުވިއެވެ. ލަޔާލް ކަހަލަ މީހަކާއިއެކު ފިޒާލްއަށް އުފާވެރި ދިރިއުޅުމެއް ލިބިދާނެ ހެއްޔެވެ؟ ލަޔާލް ދޫކޮށްލުމަށް ފިޒާލް ނިންމި ނިންމުމަކީ ރަގަޅު ނިންމުމެކެވެ. ފިޒާލް ބޭނުންނަމަ، ލަޔާލަށްވުރެ މާ ރަނގަޅު އަންހެންކުދިން ފިޒާލްގެ ހަޔާތަށް ގެނެވިދާނެއެވެ. އެކި ހިޔާލުތަކުން ލަޔާލްގެ ހިތް ތޮރުފަމުން ދިޔައެވެ. ކެތްތެރިވާން ބޭނުންވި ނަމަވެސް ލޯބިވާ ފަރާތްތަކާއި ދުރަށްދާން ޖެހުމުން އެކުރެވޭ އިހުސާސްތަކަކީ ކެތްކުރަން އުނދަގޫ އިހުސާސްތަކެކެވެ.

********

ކޯޓަށް ދިޔުމަށްޓަކައި ތައްޔާރުވެލައިގެން ލަޔާލް ގެއިން ނުކުތެވެ. ލަޔާލްގެ އިންތިޒާރުގައި ސަކީނާ ހުއްޓެވެ. ފެންކަޅިވެފައިވާ ސަކީނާގެ ދެލޮލުން އެތައް ވާހަކަތަކެއް ބުނެދިނެވެ. ދަރިފުޅަށްޓަކައި ފިޒާލްގެ ކައިރީގައި އާދޭސްކުރަންވެސް ސަކީނާ ހުރީ ތައްޔާރަށެވެ. ލަޔާލް އެކަމާއި ދެކޮޅު ނުހެދިނަމަ، އޭނާ ފިޒާލާއި ބައްދަލުކުރީހެވެ.

"މާޝާ ﷲ... މަންމަގެ ދަރިފުޅު މިއަދު ހާދަ ރީއްޗޭ...." ސަކީނާ ގަދަކަމުން ހިނިތުންވެލިއެވެ.

ބުރުގަލަކުން އިސްތަށިގަނޑު ނިވާކޮށްފައި ހުރިއިރު، ލަޔާލް ލައިގެން ހުރީ ގަޔަށް ދޫކޮށް ހުރި ދިގު ހެދުމެކެވެ. ލަޔާލް ބުރުގާ އެޅީ ސަކީނާ ބުނެގެނެއް ނޫނެވެ. ބުރުގާ އެޅުމުން ރައްކާތެރިކަން އިހުސާސްކުރެވޭތީއެވެ. ކުރިއަށްވުރެ ބޮޑަށް އަޅުކަމާއި ގާތްވެވުމުން، ލަޔާލްގެ ހިތާމަތަކަށް ލުޔެއް ލިބިފައިވިއެވެ.

ކޯޓާއި ހަމައިން ލަޔާލްގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. ފިޒާލް ހުރީ ކޯޓުގެ ގޯތިތެރޭގައެވެ. އެ ނަޒަރު ވަނީ ލަޔާލްގެ މޫނަށް ހުއްޓިފައެވެ. ލަޔާލް ލަސްފިޔަވަޅުތަކެއްގައި ގޮސް ފިޒާލްގެ ކުރިމަތީގައި ހުއްޓުނެވެ.

"ލަޔާ...." ފިޒާލް ގޮވާލީ ރިހުން އެކުލެވޭ އަޑަކުންނެވެ.

ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ރިހުން ނޫން އެއްޗެއް ފިޒާލްގެ ދެލޮލުން ނުފެނެއެވެ. އަބަދުވެސް ހިނިތުންވެލައިގެން ހުންނަ ފިޒާލްގެ ހިނިތުންވުން ވަނީ ގެއްލިފައެވެ. ލަޔާލާއި ދުރަށް ދިޔުމަކީ ފިޒާލް ބޭނުންވާ ކަމެއް ނޫންކަން އޭނާގެ ދެލޮލުން ހާމަކޮށްދެމުން ދިޔައެވެ.

"މާޝާﷲ ވަރަށް ފުރިހަމަ...." ބުނަން އުޅުނު ވާހަކަ ފަސްކޮށްލުމަށްފަހު، ފިޒާލް ލަޔާލަށް ތައުރީފުކުރިއެވެ.

ލަޔާލް އިސްޖަހާލިއެވެ.

"އައިމް ސޯ ސޮރީ..... ލަޔާ އެދޭ ކަހަލަ ބައިވެރިޔަކަށް އަހަންނަކަށް ނުވެވުނު.... އަހަރެން މިހުންނަނީ ލަޔާގެ ކުރިމައްޗަށް އަރަން ނުކެރިފަ.... މިހެން ބުނާ އިރުވެސް އެނގޭ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރަން މިހާރު ލަޔާއަށް ވަރަށް އުނދަގޫވާނެކަން....." ފިޒާލް ފުން ނޭވާއެއް ދޫކޮށްލިއެވެ.

ނުރޯން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ލަޔާލްގެ ދެލޯ ކަރުނުން ފުރުނެވެ. ފިޒާލްގެ ކުރިމަތީގައި ކެތްތެރިވެވޭނެ އެއްމެ މައްޗަކަށް އޭނާ ކެތްކުރިއެވެ. ފިޒާލް ކަންތައް ކުރީ އެންމެ ރަނގަޅަކަށް ނޫނެވެ. އެކަމަށްޓަކައި ލަޔާލްގެ ހިތުގައި އެތައް ޝަކުވާއެއް ވިއެވެ. އެކަމަކު ފިޒާލް ފެނުމާއިއެކު އެހުރިހާ ޝަކުވާއެއް ލަޔާލްގެ ހިތުން ފިލައިގެން ދިޔައީ ފިޒާލަށްޓަކައި އޭނާގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވީތީއެވެ.

ދެމީހުންގެ ދޭތެރޭގައިވެސް އިތުރު ވާހަކައެއް ނުދެކެވި ކުޑަވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫނެވެ. ވަގުތާއި ހާލަތު އެކަމަކަށް ތަން ނުދިނީއެވެ.

********

"ދަރިފުޅާ..... ކިހިނެއްވީ...." ލަޔާލް ކޯޓުން ނުކުތުމުން ސަކީނާ އެހިއެވެ.

ލަޔާލަށް ބަލައިލެވުނީ އޭނާގެ ފަހަތުން ނުކުތް ފިޒާލާއި ދިމާއަށެވެ.

"މަންމާ..... އެންމެ ރަގަޅުތަ ފިޒާލްއާ އެކީ ކުޑަ ވަގުތުކޮޅަކަށް ތަނަކަށް ގޮސްލިއަސް...... ފިޒާލް ބޭނުންވީ ވަކިގޮތެއް ނިންމުމުގެ ކުރިން ދެމީހުން މަޝްވަރާކޮށްލަން..... އެހެންވެ ދެމީހުން ވާހަކަ ދައްކާފަ ވަކިގޮތެއް ނިންމަން ގާޒީ އިތުރު ފުރުސަތެއް ދެއްވީ..... ފިޒާލް ބޭނުމެއް ނުވޭ މަންމަގެ ނުރުހުމުގަ އެއްވެސް ކަމެއް ކުރާކަށް.... މަންމަ ހުއްދަ ނުދޭ ކަމަށްވަންޏާ...." ލަޔާލް އޭނާ ބުނަން އުޅުނު ޖުމުލަ ހުއްޓާލީ ސަކީނާ އަތުން އިޝާރާތް ކުރީމައެވެ.

"އަވަހަށް ދޭ..." ސަކީނާ ހުއްދަ ދިނެވެ.

"ކީކޭ މަންމަ ބުނީ؟...." ލަޔާލް އައުމުން ފިޒާލް ސުވާލުކުރިއެވެ.

"އޯކޭއޯ..." ލަޔާލް ދިނީ ކުރު ޖަވާބެކެވެ.

"ބީޗަށް ދަމާ..... މިމާހައުލާ ކުޑަކޮށް ދުރުވެލައިގެން ތިބެ ވާހަކަ ދައްކާލުން ކިހިނެއްވާނީ؟....." ފިޒާލް ހިޔާލު ހުށަހެޅިއެވެ. ލަޔާލަށް އެގޮތް ކަމުދިޔައެވެ.

އަތިރިމައްޗާއި ހަމައަށް ދެވެންދެންވެސް ދެމީހުންގެ ދޭތެރޭ އިތުރު ވާހަކައެއް ނުދެކެވެއެވެ. ލަޔާލް ހުރީ ފިނިވެފައެވެ. ފިޒާލަށް އެއްވެސް ކަމެއް ސިއްރުކުރާކަށް މިއަދު އޭނާ ބޭނުމެއް ނުވެއެވެ. ލަޔާލް ތައްޔާރުވީ ދިރިއުޅުމުގެ ބޮޑު ސިއްރު ފިޒާލަށް ހާމަކުރާށެވެ.

"ހިނގާ މިތާ އިށީންނަން..." އަތިރިމަތީގައި ހުރި ޖޯލިފައްޗެއް ދައްކާފައި ފިޒާލް ބުންޏެވެ.

ލަޔާލް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އަތިރިމަތީގެ ފަސްގަނޑު އޮތީ ލަޔާލަށް ސިފަވިގޮތަކަށް ނޫނެވެ. ހުދުކުލައިގެ ބޮޑު ފަސްގަނޑެއް ނެތެވެ. މޫދުގައި ދިރުމެއް ނުވެއެވެ. ކުލަ ތަފާތެވެ. މުޅި ތަނުގައި އޮތީ ވިނަފަޅާފައެވެ.

"އަހަރެން ސުވާލެއް ކޮށްލަންތަ؟...." ޖޯލީގައި އިށީނދެފައި ފިޒާލް އަހައިލިއެވެ. "ހަނދާންވޭތަ، އެއްދުވަހު ލަޔާ ބުނީމެއްނު ތުނޑިއަށް ދިޔަ ވާހަކަ..."

ލަޔާލް ކުޑަކޮށް ސިހުނެވެ. ފިޒާލްގެ ރާގުން ކޮންމެވެސް ކަމެއް އޭނާއަށް އެނގިފައިވާކަން ލަޔާލަށް އެނގުނެވެ. ލަޔާލް ފިޒާލްގެ މޫނަށް ބަލައިލިއިރު، ފިޒާލްވެސް އިނީ ލަޔާލަށް ބަލަހައްޓައިގެންނެވެ.

"އަހަރެން ވަރަށް ޑައިރެކްޓްވާނެ... ބުނަން މިއުޅޭ ވާހަކަ ލަސްކުރާކަށް ބޭނުމެއް ނޫން... ލަޔާ ފަހަރެއްގަ އަހަރެންދެކެ ފޫހިވުމަކީވެސް އެކަށީގެންވާ ކަމެއް... އެކަމަކު، ހަގީގަތް ސިއްރުކުރާކަށް އަހަރެން ބޭނުމެއް ނޫން..." ދެންވެސް ވާހަކަ ދެއްކީ ފިޒާލެވެ. "ލަޔާ، އައި އޭމް ދަ ވަން... ލަޔާ އެންމެ ލޯބިވާމީހާއާ ލަޔާ ދުރުކުރުވި މީހަކީ އަހަރެން..."

ލަޔާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)