15 Jul 2023, 16:56
ބުޑަޕެސްޓް (15 ޖުލައި 2023): އެމެރިކާ ބޭނުންވާނަމަ ޔުކްރެއިން ހަނގުރާމަ ހުއްޓުވިދާނެކަމަށް ނޭޓޯގެ ގައުމެއްކަމަށްވާ ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯބަން ވިދާޅުވެއްޖެއެވެ.
ހަންގޭރީގެ ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި ބަޔާނެއްގައި އޯބަން ވިދާޅުވީ ރަޝިއާ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކުރުމާއި ނޭޓޯ ލައްވައި ރަޝިއާއާ ކުރިމަތިލުމަށް ނޭޓޯ ގެންގުޅޭ ވިސްނުމުގައި އޮތީ ކޮން ފައިދާއެއްތޯ ނޭޓޯއިން އެޖަމާއަތުގެ މެންބަރު ގައުމުތަކަށް ސާފުކޮށްދޭންޖެހޭ ކަމުގައެވެ.
އޯބަންގެ ވާހަކަފުޅުން އެނގޭގޮތުގައި ރަޝިއާއާ ކުރިމަތިލުމަށް ނޭޓޯ ގެންގުޅޭ ވިސްނުމުގެ ފަހަތުގައި އޮތީ އެމެރިކާއާއި އިނގިރޭސިވިލާތެވެ. އެދެގައުމު ގެންދަނީ ރަޝިއާ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކުރަންޖެހޭ ސަބަބު މެންބަރު ގައުމުތަކަށް ހާމަކުރަން ފަސްޖެހެމުންނެވެ.
އޯބަން ވިދާޅުވިގޮތުގައި ރަޝިއާ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކުރަންޖެހޭ ސަބަބާއި ރަޝިއާއާ ކުރިމަތިލުމުގެ ވިސްނުން ނޭޓޯ ގެންގުޅެންޖެހޭ ސަބަބާމެދު ހަންގޭރީ ނޫން ނޭޓޯގެ އެހެން ބައެއް އެހެން ގައުމުތައްވެސް ސުވާލުއުފައްދާކަމުގައެވެ. އޯބަންއަކީ ޔުކްރެއިންއަށް ހަތިޔާރު ދިނުމަށްވެސް އެހާ ޝައުގުވެރިވާ ބޭފުޅެއް ނޫނެވެ.
ލިޓުއޭނިޔާގައި މިދިޔަ ހަފުތާގައި ބޭއްވި ނޭޓޯގެ ސަމިޓުގެ ތެރެއިން ބައްދަލުވި ނޭޓޯގެ ގައުމުތަކުގެ ބައެއް އިސްވެރިންގެ ހިތްތަކުގައި މިސުވާލުތައް އުފެދިފައިވާ ކަމަށް އޯބަން ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އޯބަންވަނީ އެމެރިކާ ބޭނުންވާނަމަ ޔުކްރެއިން ހަނގުރާމަ ހުއްޓުވިދާނެކަމަށް ވަރަށް ސާފު އިބާރާތުން ވިދާޅުވެފައެވެ.

އެމެރިކާގެ އަސްކަރީ މުހައްލިލެއްކަމަށްވާ ކާނަލް ޑޮގްލަސް މެގްރިގޯ
މުރާސިލުން ބުނާގޮތުގައި ނޭޓޯގެ މިހާރުގެ ދައުރާއި ނޭޓޯ ފުޅާކުރުމާމެދު އެމެރިކާ ގެންގުޅޭ ވިސްނުމާއި މިދިޔަ ހަފުތާގައި ލިޓުއޭނިއާގައި ބޭއްވި ނޭޓޯގެ ސަމިޓްގައި ގައުމުތަކަށް ނޭޓޯގެ މެންބަރުކަން ދިނުމުގައި ހުޅުވާލެވިފައިވާ ސިޔާސަތެއް ގެންގުޅޭގޮތަށް ނިންމި ނިންމުމާމެދު ނޭޓޯގެ އެތައް ގައުމަކުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހެއެވެ.
ނަމަވެސް ޔުކްރެއިންއަށް ރަޝިއާ އަރައިގަނެގެން އުޅޭ މިދަނޑިވަޅުގައި ނޭޓޯގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އެމައްސަލާގައި ފާޅުގައި ދެކޮޅު ހަދަން އެގައުމުތަކަށް ނުކެރިފައިވާކަން މުރާސިލުން ހާމަކުރެއެވެ.
އެމެރިކާގެ އަސްކަރީ މުހައްލިލެއްކަމަށްވާ ކާނަލް ރިޓަޔަޑް ޑޮގްލަސް މެގްރިގޯ ވިދާޅުވިގޮތުގައި ނޭޓޯ ފުޅާކުރުމާއި ނޭޓޯގެ މެންބަރުކަން ގައުމުތަކަށް ދިނުމުގައި ހުޅުވާލެވިފައިވާ ސިޔާސަތެއް ގެންގުޅޭގޮތަށް ނިންމި ނިންމުމުގެ ސަބަބުން ނޭޓޯގެ ގިނަގައުމުތައްވަނީ ކަންބޮޑުވެފައެވެ. ފާއިތުވި ފަނަރަވަރަކަށް އަހަރު ތެރޭގައި ބައިބައިވުން ނެތްމިންވަރަށް ނޭޓޯގެ އެތެރޭގައި މިހާރު ހިތްހަމަނުޖެހުމާއި ބައިބައިވުން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރަށްވުރެ ބޮޑަށް ނޭޓޯ ފުޅާކޮށްފިނަމަ ނޭޓޯ ބަލިކަށިވެ ޚިޔާލު ތަފާތުވެ އެންމެފަހުން ރޫޅިގެން ދިޔުމަކީ ވަރަށް ގާތްކަމެއްކަމަށްވެސް ކާނަލް ރިޓަޔަޑް ޑޮގްލަސް މެގްރިގޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ނޭޓޯއިން ދޭ ހަތިޔާރުތަކާއެކުވެސް ހަނގުރާމައިގާ ޔުކްރެއިން ސިފައިންނަށް ރަޝިއާގެ މައްޗަށް ކާމިޔާބު ނުލިބޭ މައްސަލައަކީ ނޭޓޯގައި ހިމެނޭ އެމެރިކާއާއި އިނގިރޭސިވިލާތުގެ އާދަޔާ ޚިލާފު ކަންބޮޑުވުމެކެވެ.
އަނެއްކޮޅުން ނޭޓޯގެ މެންބަރުކަން ޔުކްރެއިންއަށް ދެވެންނެތްކަމަށް ނޭޓޯގެ ސަމިޓުން ނިންމުމުން ޔުކްރެއިންގެ ރައީސް ވްލަދިމިޔަރ ޒެލެންސްކީވެސްވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ. މިދިޔަ ހަފްތާގައި ބޭއްވި ނޭޓޯގެ ސަމިޓުން ނިންމާފައިވަނީ ޔޫކްރެއިން އަށް ނޭޓޯގެ މެންބަރުކަން ދެވޭނެ މުއްދަތެއް ކަނޑައަޅައިދެވެން ނެތްކަމަށެވެ.
ނޭޓޯގެ މިނިންމުމާ ގުޅިހގެން ޒެލެންސްކީ ވަނީ އެއީ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށާއި އެނިންމުމުން ދޭހަވަނީ ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ދިނުމަށް ނޭޓޯ އޮތީ ތައްޔާރަށް ނޫންކަމަށް ވިދާޅުވެ ނޭޓޯއަށް ފާޑުވިދާޅުވެފައެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރަޝިއާ އާ ދެކޮޅަށްކުރާ ހަނގުރާމައިގާ ޔުކްރެއިންއަށް ކާމިޔާބު ނުލިބިއްޖެނަމަ ޔުކްރެއިން އަކީ ނޭޓޯއަށް މުހިއްމު ގައުމަކަށް ނުވާނެކަމަށާއި އެހާލަތުގައި ޔުކްރެއިން ނޭޓޯއަށް ވެއްދުމުގެ އެއްވެސް ބޭނުމެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.
މިމައްސަލާގައިވެސް ޒެލެންސްކީވަނީ ކަންބޮޑުވެވަޑައިގެންފައެވެ.