އދ. މަޖިލިސް (15 ޖުލައި 2023): ނޭޓޯ އަކީ އެމެރިކާއާއި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިއޮތް ހުޅަނގު ޔޫރަޕާއި ނޯތު އެޓްލާންޓިކްގެ ގައުމުތައް ކުރީގެ ސޮވިއެޓް ޔުނިޔަންގެ ނުރައްކަލުން ސަލާމަތް ކުރުމުގެ ނަމުގައި އުފެއްދި ޖަމާއަތެއް ކަމުން ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށްފަހު ނޭޓޯގެ ހަގީގީ ބޭނުންކެނޑިފައިވާކަމަށާއި އެއީ އުވާލަންޖެހޭ ޖަމާއަތެއްކަަމަށް ޗައިނާ ބުނެފިއެވެ.

ޗައިނާއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޒަން ޖުން ވިދާޅުވި ގޮތުގައި 1991 ވަނަ އަހަރުގެ ޑިސެންބަރުމަހު ސޮވިއެޓް ޔުނިޔަން ރޫޅިގެންދިޔުމާއެކު ނޭޓޯ އުފެއްދި ބޭނުން ވަނީ ކެނޑިފައެވެ.

އެއަށްފަހު ނޭޓޯ އުވާނުލައި އަސްކަރީ ޖަމާއަތެއްގެ ގޮތުގައި އެޖަމާއަތް ވަރުގަދަކޮށް އިރުމަތީ ޔޫރަޕަށް ފުޅާކުރީ ވަކި ގައުމުތަކެއްގެ އަމިއްލަ ފައިދާއަށްކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އޭޝިއާ ޕެސިފިކް ސަރަހައްދަށްވެސް ނޭޓޯ ފުޅާކުރުމުގެ ރޭވުންތައްވެސް އެބަގެންގުޅޭކަމަށާއި މިއީ ނޭޓޯގެ މަދު ގައުމުތަކެއް ފަހަތުގައި ތިބެގެން މުޅި ދުނިޔެއަށް އެގައުމުތަކުގެ ހަން ފަތުރަން ކުރާކަމެއް ކަމަށް ޗައިނާގެ މަންދޫބު ސިފަކުރެއްވިއެވެ.

ޒަން ޖުން ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ނޭޓޯ މިހާރުވެފައިވަނީ އެހެން ގައުމުތަކަށް ކުރިމަތިވެފައިވާ ބޮޑު ބިރަކަށެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ފިތުނައަކަށެވެ.

ޗައިނާގެ މަންދޫބު މިހެން ވިދާޅުވީ މިދިޔަ ހަފުތާގައި ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި ނިމިގެންދިޔަ ނޭޓޯ ސަމިޓްގައި ނޭޓޯގެ އިސްވެރިން ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ޗައިނާއަކީ ނޭޓޯއަށް ހުރަސްއަޅަމުންދާ ގައުމެއްކަމަށް ސިފަކުރުމާ ގުޅިގެންނެވެ.

ޗައިނާ އާ އަސްކަރީ ގޮތުން ކުރުމަތިލުމަށްޓަކައި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ގުޅިގެން އޭޝިއާގެ އިރުމައްޗާ އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގައި އަސްކަރީ ގޮތުން ހަރަކާތްތެރިވުމަށް އުފައްދާފައިވާ "އައުކަސް" ޖަމާއަތަކީ ނޭޓޯ އޭޝިއާ ޕެސިފިކް ސަރަހައްދަށް ފުޅާކުރުމުގެ ފެށުންކަމަށް ޗައިނާ ދެކެއެވެ.

މި ޖަމާއަތަށް ޗައިނާއާ އިދިކޮޅު ގައުމެއްކަމަށްވާ ޖަޕާން ވައްދައިގެން ޗައިނާއަށް ޖެއްސުންކޮށް ސަރަހައްދުގައި ހަމަޖެހުން ނަގާލަން އެމެރިކާ މަސައްކަތްކުރާ ކަމުގެ ކަންބޮޑުވުން ޗައިނާ ގެންދަނީ އިހުސާސް ކުރަމުންނެވެ.

ޔުކްރެއިން ހަނގުރާމަވެސް ފެށުނީ ރަޝިއާގެ "ބަނޑުދަށަށް" ނުވަތަ ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކޮށް އަސްކަރީ ގޮތުން ރަޝިއާ ވަށާލަން އެމެރިކާއާއި އިނގިރޭސިވިލާތް އަޑީގައި ތިބެގެން މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ޗައިނާގެ މަންދޫބު ވިދާޅުވިގޮތުގައި ނޭޓޯއަކީ އެމެރިކާއާ އިދިކޮޅުގައުމުތަކުގައި ފިތުނަ ފަސާދަ އުފައްދައި އެގައުމުތަކަށް ބިރުދައްކައި އެގައުމުތައް ހިސާރުކުރަން މަސައްކަތްކުރާ އަސްކަރީ އަދި އިސްތިއުމާރީ ވިސްނުމުގެ ޖަމާއަތެކެވެ.

ނޭޓޯގެ ފަލްސަފާއަކީ ކުރީގެ ފިނި ހަނގުރާމާއިގެ ފަލްސަފާއެވެ. އެއީ އެހެންގައުމުތަކަށް ބިރުދެއްކުމާއި އިސްތިއުމާރީގޮތުން ގައުމުތަކަށް ބިރުދެއްކުމާއި ބޮޑާކަމާއި ގޮތްދޫނުކުރުމާއި އަދި ހަންފެތުރުމުގެ ފަލްސަފާކަމަށްވެސް ޗައިނާގެ މަންދޫބު ޒަން ޖުން ވިދާޅުވިއެވެ.