15 Jul 2023, 14:27
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަސް އަހަރުގެ ދައުރުން ރަމްޒުކޮށްދެނީ ހިންގުންތެރިކަމާއި ކެތްތެރިކަން ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ސިޔާމް ވިދާޅުވީ ރައީސް ޞާލިޙު ފަސް އަހަރުގެ ދައުރެއް ނިންމަވައިލެއްވީ އެންމެ ނައިބު ރައީސަކާ އެކު ކަމަށެވެ. އަދި މުހިންމު މިނިސްޓްރީތަކުގެ މިނިސްޓަރުން ވެސް އެމަނިކުފާނު ބަދަލުނުކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޞާލިޙް ކޯޓުތަކަށް ނުފޫޒު ފޯރުވާތަނެއް ނުފެންނަ ކަމަށާއި މުޅި ގައުމު ހަމަޖެހި، ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު ރިކޯޑް އަދަދަށް އިތުރުވެފައިވާ ކަމަށެވެ.
ސިޔާމް ހިމެނިވަޑައިގަންނަވާހެން އެމްޑީއޭގެ އިސް ބޭފުޅުން އަންނަނީ ރައީސް ޞާލިޙު އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކ. މާފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމި ސަބަބުތައް ކިޔައިދެއްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން އެމްޑީޕީގެ ތެރޭ ތިއްބެވި ބައެއް ވެރިން އެކި ގައުމުތަކަށް ގޮސް ދީނީ އަގީދާއާ ޚިލާފު ވާހަކަތައް ދައްކަމުން އައި ކަމަށެވެ. ނަމަވެސް މިއަދު އެ ޕާޓީން ލާދީނީ ފިކުރު ނެތި ގޮސްފި ކަމަށް ސިޔާމް ވިދާޅުވިއެވެ.
"މީގެ ތެރެއިން ބައެއް ވެރިން ޑެންމާކަށް ގޮސް، އެހެން ގައުމަކަށް ގޮސް އިސްލާމްދީނަށް ހަޖޫޖެހުން އެ މީހުންނަށް މި އޮންނަނީ އާންމުވެފައި. އަޅުގަނޑު އުފާކުރަން މިއަދު އެމްޑީޕީގެ ތެރޭގައި އެ ލާދީނީ ފިކުރު ނެތިގެން ދިޔަައިމަ. އަދި, ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން އެންމެ އުފާވަނީ އެ ކަމާ،" ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައީސް ޞާލިޙަކީ ދީނަށް ފުރައްސާރަކުރައްވާ ވެރިއެއް ނޫން ކަމަށެވެ.