15 Jul 2023, 13:43
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ޕީޕީއެމްގެ މެންބަރުންގެ ސަމާލުކަމަށް ގެނައި ފަދަ އިޝާރަތްތައްވާން ފަށާފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ފެލިދޫ ދާއިރާގެ މެންބަރުން އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
މި ވެރިކަމުގައި ރައީސް ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ކުރުމުގެ އެއް ދުވަސް ކުރިން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވިދާޅުވީ, އެމަނިކުފާނު ޖަލުގައި އޮންނެވި ނަމަވެސް ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދިނުމަށެވެ.
ޔާމީންގެ އެ ވާހަކަތައް ހަނދާން ކޮށްދެއްވަމުން ފަޒުލް ވިދާޅުވީ އެ ފަދަ ބާޒުތަކުގެ ކަޅި ޕީޕީއެމަށް އަމާޒުވަމުން އަންނަ ކަމަށެވެ.
"މިއަދު ވެސް އަޅުގަނޑަށް އޭގެ އެއް ބާޒެއްގެ މެސެޖެއް އައި. ހަމަ ޔަގީނުންވެސް ތިބޭފުޅުންނަށް އެ މެސެޖްތައް ގޮސްފައި އޮންނާނެ. އެކަހަލަ އެއްވެސް ކަމަކަށް ތިބޭފުޅުން ދީލާ ނުލައްވާތި," ރޭ ޕީޕީއެމްއިން އާޓީފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި ފަޒުލް ވިދާޅުވިއެވެ.

ޕީޕީއެމް އިން ރޭ ބޭއްވި ބައްދަލުވުމުގައި ފަޒުލްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުއިއްޒު --- ފޮޓޯ: ޕީޕީއެމް
ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑާޝިޕް އޮތީ އެކަތިގަނޑެއްގެ ގޮތުގައިކަން ފާހަގަކޮށް ފަޒުލް ވިދާޅުވީ, އެ ބޭފުޅުން ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބަށް ނިކުންނަވާނީ ރައީސް ޔާމީންއާ އެކުގައި," ފަޒުލް ވިދާޅުވިއެވެ.
ރައީސް ޔާމީން އެންގެވި ގޮތަށް ނޫން އެހެން އެއްވެސް ގޮތަކަށް އެބޭފުޅުންގެ އިނގިއްޔެއް ވެސް ގުނޑުވާ ނުލާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ފަސް އަހަރުގައި މި ގައުމަށް އައި ތަރައްގީއާ ގާތް ކުރާ ވަރަށް ވެސް މި ސަރުކާރަށް ތަރައްގީ ގެނެވިފައި ނުވާ ކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ރައީސް ޔާމީން ނޫން އެހެން ވެރިއަކު މި ގައުމުގެ ވެރިކަމަށް ގެނައި ނަމަވެސް އެކަން އޮންނާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް އިން ރޭ ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ބައެއް ވެރިން --- ފޮޓޯ: ޕީޕީއެމް
"އެހެންވެ މި ދަންނަވަނީ އަޅުގަނޑުމެންގެ ރައީސް ޔާމީން ތަހުތަށް އައިސް ނޫނިއްޔާ މި ގައުމު ސަލާމަތް ކުރެވޭކަށެއް ނެތް. މި ގައުމު ސަލާމަތް ކުރެވޭނެ އެއްވެސް މަގެއް ނުފެނެ އެ ނޫނިއްޔާ," ފަޒުލް ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް އިތުރަށް ހިތްވަރުކޮށް މަސައްކަތް ކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަންނަވަމުން ފަޒުލް ވިދާޅުވީ, ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.
ފަހަރުގައިވެސް ވާގޮތަކުން އެމަނިކުފާނަށް ދެރަގޮތެއް ވެއްޖެ ނަމަ ޕީޕީއެމަށް އެހެން ބަޔަކު ސަވާރުވާން ފުރުސަތު ނުދީ ޕާޓީ އޮޔާދާން ދޫކޮށް ނުލުމަށް ޔާމީން ވަނީ މީގެ ކުރިން ޕީޕީއެމް މެމްބަރުންނަށް ވަސީޔަތް ކުރައްވައިފިއެވެ.