އިންޑިއާއިން ޗަންދުރަޔާން-3 މިޝަންގެ ނަމުގައި، ހަނދުގައި ޖައްސަން ފޮނުވާ އުޅަނދެއް ލޯންޗުކޮށްފިއެވެ.

ސަންސްކްރިތު ބަހުން "ހަނދުގެ އުޅަނދު"ގެ މާނަ ދޭހަވާ ނަމެއް ދީފައިވާ ރޮކެޓް ޗަންދުރަޔާން ލޯންޗުކޮށްފައި ވަނީ އަންދްރަ ޕްރަދޭޝް ސްޓޭޓްގައި ހުންނަ ސަތީޝް ދަވަން ސްޕޭސް ސެންޓަރުން އިއްޔެ އިންޑިއާ ގަޑިން ފަތިހު 5:00ގައެވެ.

އިންޑިއާގެ މި ތާރީޚީ މިޝަން ބެލުމަށް ސްޕޭސް ސެންޓަރަށް އެތައް ހާސްބަޔަކު ޖަމާވިއިރު އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޔޫޓިއުބުން މި އިވެންޓް ބަލާފައެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ)އިން ކުރި ޓުވީޓެއްގައި ބުނީ ޗަންދްރަޔާން-3 މިސްރާބު ޖަހާފައި ވަނީ ހަނދާ ދިމާލަށް ކަމަށާއި އުޅަނދުގެ ހާލަތު ވެސް ދައްކަނީ ރަނގަޅުކޮށް ކަމަށެވެ.

އިސްރޯއާ ހަވާލާދީ ބީބީސީއިން ރިޕޯޓުކުރި ގޮތުގައި މި އުޅަނދު ހަނދަށް ޖައްސާނީ އަންނަ މަހުގެ 23ގައެވެ.

އިންޑިއާއިން 2008 ވަނަ އަހަރު ޗަންދުރަޔާން-1 ފޮނުވީ ހަނދުގެ ވަށައިގެން ދަތުރުކުރުމަށް ފަހު، ހަނދަށް ވެއްޓޭ ގޮތަށެވެ. ނަމަވެސް 2019 ވަނަ އަހަރު އެގައުމުން ޗަންދުރަޔާން-2 ފޮނުވީ އެ އުޅަނދު ކޮންޓްރޯލްކޮށް، ހަނދުގައި ޖެއްސުވުމުގެ އުއްމީދުގައެވެ.

ނަމަވެސް އެ އުޅަނދު ހަނދުގައި ޖައްސަން އުޅެނިކޮށް، އެއާ މުވާސަލާތީ ގުޅުން ކެނޑި، ހަނދަށް ވެއްޓި ހަލާކުވީއެވެ.

ޗަންދުރަޔާން-3 ގައި ހިމެނެނީ ލޭންޑާ، ޕްރޮޕަލްޝަން މޮޑިއުލް އަދި ރޯވާ އެވެ. އޭގެ މަގުސަދަކީ ރައްކާތެރިކަމާއެކު ހަނދުގެ ސަރަޙައްދަށް ޖެއްސުމާއި، މައުލޫމާތު އެއްކޮށް، ހަނދާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ސައިންޓިފިކް ތަހުލީލުތަކެއް ކުރުމެވެ.

ހަނދަށް ޖައްވީ އުޅަނދެއް ކާމިޔާބުކަމާއެކު ޖެއްސުމުގެ މަސައްކަތް މިހާތަނަށް ކާމިޔާބުކޮށްފައި ވަނީ ތިން ގައުމަކުންނެވެ. އެއީ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާއިންނެވެ.

ހަނދަށް ޖެއްސޭފަދަ އުޅަނދެއް އުފައްދައި މި މަސައްކަތް ކާމިޔާބު ކުރަން އިންޑިއާއިން މަސައްކަތްކުރާތާ ގިނަ އަހަރުތަކެއްވެއްޖެއެވެ. އެގައުމުގެ އަމާޒަކީ ހަނދުގައި މިހާތަނަށް ދިރާސާކުރެވިފައި ނުވާ ފަރާތް ކަމަށްވާ ދެކުނު ފަރާތަށް އުޅަނދެއް ފޮނުވުމެވެ.

އިންޑިއާއިން ވަނީ ޗަންދުރަޔާން-3 މިޝަންއަށް 75 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.

ދުނިޔޭގެ ސްޕޭސް ރޭހުގައި ކުރި ހޯދަން މަސައްކަތް ކުރާ އިންޑިއާއިން 2019 ވަނަ އަހަރު ވަނީ، 2030 ވަނަ އަހަރު އަންނަންވާއިރަށް އެގައުމުން އަމިއްލަ ޖައްވީ ސްޓޭޝަނެއް ގާއިމު ކުރާނެ ކަމަށް ބުނެފައެވެ. މިވަގުތު ޖައްވަށްދާ މީހުންނަށް ބެނުން ކުރަނީ އެކި ގައުމުތައް ގުޅިގެން އުފައްދާފައިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނާއި ޗައިނާގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަނެވެ.