މިހާތަނަށް ދިރިއުޅުމުގައި ކުރިމަތިލި އެންމެބޮޑު ހަނގުރާމައަކީ، މަންމަގެ ވަކިވުންކަމަށް ބަތަލާ ޖާންވީ ކަޕޫރު ބުނެފިއެވެ.

ކުރީގެ ބަތަލާ ސްރީދޭވީއާއި ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ޖާންވީ ވަނީ މީގެ ކުރިން ވެސް ތަފާތު އެކި މުނާސަބާތަކުގައި މަންމަގެ ވަކިވުމާބެހޭގޮތުން ވާހަކަދައްކާފައެވެ.

މިމަހުގެ 21ގައި އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރާ ފިލްމު "ބަވާލް"ގެ ބަތަލާ ބުނެފައިވަނީ، މަންމަގެ މަރުގެ ޚަބަރު ލިބުނީ 2018ވަނަ އަހަރު ކެރިއަރުގެ ފުރަތަމަ ފިލްމު "ދަޅަކް"ގެ ޝޫޓިންގްތެރޭގައި އުޅެނިކޮށްކަމަށެވެ.

މިއަދާ ހަމައަށްވެސް މަންމަގެ ވަކިވުމާ ގުޅިގެން ދިރިއުޅުމަށް ގެނުވި އެކަނިވެރިކަމާ ހަނގުރާމަކުރަމުންދާކަމަށް ބަތަލާވަނީ ބުނެފައެވެ. އެހެންނަމަވެސް އެފަދަ ވަގުތުތަކުގައި އެ ޚިޔާލުތަކުން ދުރުވުމަށް ފިލްމީ މަސައްކަތްތަކުގައި ވީހާވެސް ބޮޑަށް މަޝްއޫލުވެ އުޅުމުން ކޮންމެވެސް ވަރަކަށް ނަފުސަށް ލުޔެއް ލިބޭކަމަށް ޖާންވީވަނީ ބުނެފައެވެ.

ޖާންވީގެ އިތުރުން ކޮއްކޮ ޚުޝީ ކަޕޫރު އަދި ބައްޕަ ބޮނީ ކަޕޫރަށްވެސް މަންމަގެ ވަކިވުމާއެކު ވަރަށްބޮޑު އެކަނިވެރިކަމެއް އިހުސާސްކުރުވާ ކަމަށާއި އެކަމުގައި މިހާތަނަށް ޢާއިލާގެ ފަރާތުންނާއި ރަޙްމަތްތެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއްވެސް ލިބޭކަމަށް ޒުވާން ބަތަލާވަނީ ބުނެފައެވެ. މައިންބަފައިން ނުވަތަ ލޯބިވާ މީހެއްގެ ވަކިވުމަކީ ކޮންމެ މީހަކަށްވެސް ދުނިޔޭގައި ކުރިމަތިވާނެ އެންމެ ހިތްދަތި ދަނޑިވަޅުކަމަށާއި އެފަދަ ވަގުތުގައި ހިތްވަރާއެކު ދިރިއުޅުމާއިގެން ކުރިޔަށް ދިއުމަށް ވިސްނުން މުހިއްމުކަމަށް ޖާންވީވަނީ ބުނެފައެވެ.

ކުރީގެ ބަތަލާ ސްރީދޭވީ މަރުވެފައިވަނީ 2018ވަނަ އަހަރު ދުބާއީގައިއޮތް އާއިލީ ކައިވެންޏަކަށް ގޮސް ހުއްޓައެވެ. ސްރީދޭވީއާއި ބޮނީ ކަޕޫރުގެ ދެ ކުދިންގެތެރެއިން ދޮށީ ދަރިފުޅު ޖާންވީ ހިންދީ ސިނަމާއަށް ތަޢާރަފުކުރުމަށް އެންމެބޮޑު އެއްބާރުލުމެއްދީ އެހީތެރިވެދީފައިވަނީ މަންމަކަމަށް ޖާންވީވަނީ ބުނެފައެވެ.

މިއަދު ފިލްމީ ދާއިރާގައި އާދެވިފައިހުރި މަޤާމާއެކު މަންމަ ފަޚުރުވެރިވާނެފަދަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް އުއްމީދުކުރާކަމަށާއި އަދި ޙާސިލުކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރިކަމަށް އަރަމުން އަންނަ ބަތަލާވަނީ ބުނެފައެވެ. ޖާންވީއެކޭ އެއްގޮތަށް ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރުވެސްވަނީ ފުރަތަމަ ބޮލީވުޑް ފިލްމަށް ތައްޔާރުވެފައެވެ. ޚުޝީ ކަޕޫރު ފިލްމީ ދާއިރާއަށް ތަޢާރަފްވަނީ ޒޯޔާ އަޚްތަރު ނެޓްފްލިކްސްއަށް އުފައްދާ ފިލްމު "ދަ އާޗީސް"އިންނެވެ.