15 Jul 2023, 10:05
މިދިޔަ އަހަރު ރިލީޒްކުރި މަނީ ރަތުނަމްގެ ފިލްމު "ޕޮނިޔިން ސެލްވަން"އާއެކު އިންޑިއާގެ އިތުރު އުފެއްދުންތަކެއް މެލްބޯންގެ އިންޑިއަން ފިލްމު ފެސްޓިވަލް އެވޯޑަށް ނޮމިނޭޓްވެފައިވާކަމަށް އެފެސްޓިވަލު އިންތިޒާމްކުރާ ފަރާތްތަކުން ބުނެފިއެވެ.
ކުރިޔަށްއޮތް އޮގަސްޓް މަހު ފެށުމަށް ތައްޔާރުވަމުން އަންނަ މިފެސްޓިވަލުގައިދޭ ބެސްޓް އޮފް އިންޑިއަން ސިނަމާއަށް ނޮމިނޭޓްވެފައިވަނީ، ސައުތު ސިނަމާގެ ތިން ފިލްމަކާއެކު ބޮލީވުޑްގެ ފިލްމުތަކެކެވެ. އެއީ މަނީރަތުނަމް ޑައިރެކްޓްކޮށްފައިވާ ފިލްމު "ޕޮނިޔިން ސެލްވަން2"، ތަމަޅަ ފިލްމު "ކަންތާރާ"، "ސީތާ ރާމަމް" އަދި އާލިއާ ބަޓް އަލަށް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރި ފިލްމު "ޑާލިންގްސް"އެވެ.
މި ފިލްމުތަކަކީ، މިއަހަރުގެ ނޮމިނޭޝަން ލިސްޓުގެ ކުރިން ޖާގަ ހޯދި ފިލްމުތައްނަމަވެސް ފިލްމު "ޕަތާން" އަދި "މޮނިކާ އޯ މައި ޑާލިންގް"ވެސްވަނީ މިލިސްޓުން ޖާގަ ހޯދާފައެވެ. ހަަމައެއާއެކު މިދިޔަ އަހަރު ރިލީޒްކުރި ވެބް ސީރީސްތަކުގެތެރެއިން "ދާހަދު"، "ދެއްލީ ކްރައިމް ސީޒަން2"، އަދި "ޖުބިލީ"ވެސްވަނީ ވެބް ސިރީސް ކެޓެގަރީއިން ނޮމިނޭޓްވެފައެވެ.
މިއަަހަރުގެ އޮގަސްޓް މަހުގެ 11އިން 20އަށް އޮސްޓްރޭލިއާގެ މެލްބޯންގައި ކުރިޔަށް ގެންދަން ނިންމާފައިވާ އިންޑިއަން ފިލްމު ފެސްޓިވަލުގައި ވޭތުވެދިޔައަހަރު އެންމެ މޮޅު ޕާފޮމެންސެއް ދެއްކި ފިލްމާއެކު އެކްޓަރުންނަށްވެސް ޝަރަފުވެރިކަމުގެ އެވޯޑް ޙަވާލުކުރެވޭނެއެވެ.
މި ފެސްޓިވަލަކީ އިންޑިއާއިން ބޭރުގައި ބޭއްވޭ މިފަދަ އެންމެ ވަރުގަދަ ފިލްމު ފެސްޓިވަލްއެވެ. އަދި މިއީ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ގިނަބައެއްގެ މެދުގައި މަގުބޫލު ފެސްޓިވަލެއްވެސްމެއެވެ.
އިންޑިއާއަށް ނިސްބަތްވާ ފިލްމުތަކުގެ އިތުރުން ހޮލީވުޑްގެ ފިލްމުތައްވެސް މިއަހަރުގެ ފެސްޓިވަލުގައި ބައިވެރިވާނެއެވެ. މިއަހަރުގެ ފެސްޓިވަލުގައި ތިން ކެޓަގަރީއަކުން އައުޓްސްޓޭންޑިންގް އެޗީވްމަންޓް އެވޯޑްވެސް ދޭގޮތަށް ނިންމާފައިވާކަމަށް އައިއެފްއެފްއެމްއިންވަނީ ބުނެފައެވެ.