ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނިކަމަށްވާ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގެ ފިލްމަކަށް އާލިއާ ބަޓް ގެންނަން ނިންމައިފިއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުންހުރި ތަފާތު މަސްދަރުތަކުން ބުނެފައިވަނީ މިފިލްމާއެކު އާލިއާވާނީ ޔަޝް ރާޖް ފިލްމްސްގެ ދަށުން ހިންގާ ސްޕައި ޔުނިވާސްގެ ފުރަތަމަ އަންހެން ސުޕަ ސްޕައި ލީޑިންގް އެޖެންޓަށެވެ.

މިހާރުވެސް ސްޕައި ޔުނިވާސްއިން ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާއިރު އާލިއާ ހިމަނައިގެން އުފައްދަން ނިންމާފައިވާ ފިލްމުގެ މާބޮޑު ތަފުސީލެއް ހާމައެއް ނުކުރެއެވެ. އަދި މިފިލްމު ގެނެސްދޭނީ ކޮން ޑައިރެކްޓަރެއްކަންވެސް ވައިއާރްއެފްއިން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މިފިލްމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. އާލިއާ ބަޓްއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު ބަތަލާއަށްވެފައި އެކްޓަރު ޝާހްރުކް ޚާން، ރިތިކް ރޯޝަން އަދި ސަލްމާން ޚާން ކުޅެފައިވާފަދަ ސުޕަ އެޖެންޓެއްގެ ރޯލްއަކީ ބަތަލާއަށް އެންމެ އެކަށީގެންވާ ރޯލްކަމަށް ސްޕައި ޔުނިވާސްގެ ފަރާތުންވަނީ ބުނެފައެވެ. އަދި މިއީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއަށް އިތުރުވާނެ އާ ސިލްސިލާއަކަށް ވާނެކަމަށްވެސް އެފަރާތުންވަނީ ބުނެފައެވެ.

ފިލްމާބެހޭ ތަފުސީލުތައް މިވަގުތަށް ސިއްރުކޮށް ބޭއްވުމަށް ވައިއާރްއެފްގެ ވެރިޔާ އަދިތުޔަ ޗޯޕްރާ ލަފާދީފައިވާއިރު ފިލްމުގައި އާލިއާ ފެންނާނީ މިހާތަނަށް ސިނަމާއިން ނުފެންނަ ތަފާތު ގޮތަކަށްކަމަށްވެސް ސްޕައި ޔުނިވާސްއިންވަނީ ބުނެފައެވެ.

މިހާތަނަށް އާލިއާވަނީ ވަރަށް ގިނަ ތަފާތު ރޯލްތައް ކުޅެފައެވެ. އާލިއާގެ ކެރިއަރަށް އިތުރުވި ކޮންމެ ފިލްމަކީވެސް އޭނާގެ ކިބައިގައި ހުރި އެކްޓިންގެ ހުނަރު ބެލުންތެރިންނަށް ދައްކުވައިދިން ފިލްމުތަކެކެވެ.

ޔަޝް ރާޖް ފިލްމްސްގެ ސްޕައި އެޖެންޓެއްގެ ރޯލަށް އާލިއާ ގެންނަން ނިންމާފައިވާއިރު އޭނާގެ ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމު އާލިއާވަނީ ނިންމާފައެވެ. ޕޯސްޓު ޕްރޮޑަކްޝަން މަރުޙަލާގައި އޮތް "ހާޓް އޮފް ސްޓޯން"އަކީވެސް ސްޕައި އެކްޝަން ތްރިލާއެކެވެ.

މިފިލްމު ކުރިޔަށްއޮތް އޮގަސްޓް މަހު 11ގައި ނެޓްފްލިކްސްއިން ޕްރިމިއާކުރުމަށްވަނީ ނިންމާފައެވެ. އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޒުވާން ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިމަހުގެ 28ގައި ރިލީޒްކުރާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އިންނެވެ.