03 May 2012, 12:05
ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭސީސީން އިސްތިއުނާފުކޮށްފި އެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޭސީސީގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު އޭސީސީން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ފޮނުވި ސިޓީގައި އަންގާފައިވާ އެންގުމަކީ ކޮމިޝަން ހިންގުމުގައި ގާނޫނުގައި ކަނޑައެޅި ގަރާރުކުރެވިފައިވާ ގޮތާއި ޚިލާފަށް އަންގާފައިވާ އެންގުމެއްކަމުގައި ސިވިލް ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ވަކީލު ވިދާޅުވީ އެގޮތަށް އެ ހުކުމްގައި ބަޔާންކޮށްފައި ވީނަމަވެސް އޭސީސީން އަންގާފައިވާ އެންގުމަކީ ގާނޫނު އަސާސީއާ އެ ކޮމިޝަންގެ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން އޭސީސީއަށް ލިބިފައިވާ ގާނޫނީ ބާރެއްގެ ދަށުން އަންގާފައިވާ އެންގުމެއްކަމަށެވެ. އަދި ސިވިލް ކޯޓުން މައްސަލަ ނިންމާފައި ވަނީ އޭސީސީގެ ގާނޫނީ ވާޖިބު އަދާނުކުރެވޭނެ ގޮތަަށް ކަމަށް ބުނެ އޭސީސީގެ ވަކީލު ވަނީ ހުއްޖަތު ދައްކާފައެވެ.
ވަކީލު ވިދާޅުވީ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނަށް ބަލާއިރު އެންޓިކޮރަޕްޝަން ކޮމިޝަނަކީ ހަމައެކަނި މައްސަލަތައް ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވާ މުއައްސަސާއެއްގެ ގޮތުގައި މާނަނުކުރެވޭނެ ކަމަށާއި ގާނޫނު އަސާސީން އެ ކޮމިޝަނަށް މުތުލަގުގޮތެއްގައި ދީފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުމާއި ދައުލަތުގެ އެންމެހައި ބާރުތަކުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަންކަން ކުރުމުގެ ބާރު ލިބިދީފައިވާކަމަށެވެ.
ވަކީލު ވިދާޅުވީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގައި ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރަން މަގުފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާއިރު ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ބޯޑާ ކޮންޓްރޯލްގެ އެއްބަސްވުމާ ބެހޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނުން ދެއްކި އެއްވެސް ވާހަކަޔަށް ރިއާޔަތް ނުކޮށްކަމަށެވެ. އަދި ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް މިހާރުވެސް ވަރަށް ހަލުވިކޮށް ކުރިއަށްދާކަމަށާއި އެ ކޮމިޝަނުން އެދިފައިވާ ވަގުތީ އަމުރަށް ވަރަށް އަވަހަށް ގޮތެއް ނިންމައި ދިނުމަށް އެދޭކަމަށެވެ.
އޭސީސީން އެދިފައި ވަނީ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ބޯޑާ ކޮންޓްރޯލް ގާއިމްކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އިމިގްރޭޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު ޑރ،. އަޒުމިރާލްދާ ޒާހިރު ވިދާޅުވީ ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލައިގެ ތެރެއަށް ތަދައްކުލްވުމަށް އެދިފައިވާ ނެކްސްބިޒަށް ވެސް ފުރުސަތު ދޭންޖެހޭކަމަށާއި އެހެންކަމުން ނެކްސްބިޒަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން ދެންއޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވަގުތީ އަމުރާމެދު ވާހަކަދެއްކުން އޮންނާނެ ކަމަށެވެ.
އެ މައްސަލައިގައި އޭސީސީން އެދިފައި ވަނީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އޭސީސީއަކަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ދެއްވާ ޖެނުއަރީ 24، 2011 ގައި އެ ކޮމިޝަނުން އިމިގްރޭޝަނަށް ފޮނުވާފައިވާ ސިޓީގައިވާގޮތަށް އެ މަސައްކަތް ހުއްޓާލުމަށްފަހު އަލުން ބިޑުކޮށްގެން ކުރިއަށް ގެންދިޔުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުން ބަންޑާރަނާއިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ބައިވެރިވަޑައިގެންފައިވާތީ އޭނާއަކީ ޓެންޑާ އިވެލުއޭޝަން ބޯޑުގެ މެންބަރަކަށް ވިދާޅުވެ އެ މައްސަލައިގައި އުޝާމްގެ މަސްލަހަތު ފުށުއެރުމެއް އުޅޭކަމަށް އޭސީސީގެ ވަކީލު ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އެ މައްސަލައިގައި އޭނާގެ މަސްލަހަތު ފުށުއެރުމެއް ނޯންނާނެކަމަށާއި އެ އިޖުރާއީ ނުކުތާއާ މެދު ޝަރީއަތުން ނިންމާ ގޮތެއް ލިޔުމުން ދިނުމަށް އެދޭކަމަށެވެ.
އެ އިޖުރާއީ ނުކުތާއާ މެދު ފަނޑިޔާރު އަޒުމިރާލްދާ ނިންމެވީ އެ މައްސަލައިގައި އުޝާމަށް ޝަރީއަތުގައި ވަކާލާތު ނުކުރެވޭނެ ގޮތަށެވެ.