ރައްޔިތުންގެ ކުރިމަތީގައި ފަޟީލަހްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިސްތިއުފާ ދެއްވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ގޮވާލައިފިއެވެ.

މިހާރު ކުރިއަށްދާ ޕީޕީއެމްގެ "ރައީސް ޔާމީން 2023" ރެލީގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ވެރިކަމުގައި ހުންނަވައި ރައީސް ޞާލިޙް ކުރެއްވި ވައްކަންތަކާއި ރައްޔިތުންނަށް ޚިޔާނާތްތެރި ވެފައިވާ މިންވަރު ހާމަވާން ދެން މާ ގިނަ ދުވަހެއް ނެތް ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ކުރިމަތީ ފަޟީލަހްވުމުގެ ކުރީން މަގާމުން އިސްތިއުފާ ދެއްވުން ބުއްދިވެރި ކަމަށެވެ.

ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ވެރިކަމުގައި ހުންނަވައި ރާއްޖޭގެ ބޮޑުބައި ފާޅުގައި ވިއްކާލާފައިވާ ކަމަށެވެ.

އަދި، ރާއްޖެ އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ކުރިމަތީ އިތުރަށް ފަޟީހަތް ވުމުގެ ކުރިން އިސްތިއުފާ ދެއްވާށޭ. އަޅުގަނޑުމެން ނުކުމެ އޭ މިތިބީ، ރައީސް ޔާމީން އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމު އަނބުރާ ދިވެހިންނަށް ހޯދައިދެއްވާނެ." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ގޮސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، އިންތިޚާބުގެ ސައްޙަކަން ނަގައިލުމުގެ މަސައްކަތް ވެސް ރައީސް ޞާލިޙް ކުރައްވާނެ ކަމަށެވެ.

އޭގެ ފެށުމަކީ ހައި ކޯޓުގައި މިހާރު ކުރިއަށްދާ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓުވާފައި އޮތުން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ޕީޕީއެމުން ކުރީގައި އޮވެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.