އިންޑިއާގެ މަޝްހޫރު ސުޕަ ސްޓާރު ރަޖްނީކާންތު ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ، މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރަޖްނީކާންތު ރާއްޖެއައުން ފާހަގަކޮށް ސްރީ ލަންކަން އެއާލައިނުން ވަނީ ރާއްޖެއަށް މަރުހަބާކިޔާ، އޭނާގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

ބެލެވޭ ގޮތުގައި އޭނާ ރާއްޖެ އައިސްފައި ވަނީ ޗުއްޓޫ ހޭދަކޮށްލުމަށެވެ.

ރަޖްނީކާންތު އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ އޭނާގެ އަންހެން ދަރިފުޅު ޑައިރެކްޓުކުރާ ފިލްމެއްކަމަށްވާ "ލާލް ސަލާމް"ގައެވެ. މި ފިލްމުގެ ޝޫޓިންގައި އޭނާ މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑީއާގައި އާންމުވެފައި ވެއެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ރަޖްނީކާންތަކީ ތަމަޅަ، ހިންދީ އަދި މަލިޔަޅަމް ފިލްމުތަކުން ވެސް މަޝްހޫރުކަން ހޯދާފައިވާ ތަރިއެކެވެ. އޭނާ ކުޅެފައިވާ ބައެއް މަޝްހޫރު ފިލްމުތަކަށް ބަލާއިރު، ޗާލް ބާޒް، 2.0 އަދި ޕެއްޓާ ފާހަގަކޮށްލެވެއެވެ.

ރަޖްނީކާންތަކީ ފިލްމީ ދާއިރާއިން އިންޑިއާގެ އެންމެ މަތީ އެވޯޑުތައް ހާސިލްކޮށްފައިވާ ތަރިއެކެވެ.