14 Jul 2023, 13:27
ނަބަވީ ހިޖުރައިގެ މަދަރުސާއިން ކިޔަވަންޖެހޭ މާއްދާތަކުން ލިބޭ ތަމްރީނުތަކަކީ، އެއިން އަހަރެމެންގެ ދަރިންނަށް އެމީހުންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ދަސްކޮށްދޭންޖެހޭ ތަމްރީނުތަކެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހިޖްރައިގެ ޒިކުރާއާއި ފިލާވަޅުތަކަށް މިއަދުގެ ހުކުރު ޚުތުބާ ހާއްސަކޮށްފައިވާއިރު، ޚިތުބާގައި ބުނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައަކީ ދީނަށް ނަޞްރު ހޯއްދަވައިދެއްވުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ޖިހާދުގެ މައިދާން، މައްކާއިން މަދީނާގެ ބިމަށް ބަދަލު ކުރެއްވުން ކަމަށާއި، ހައްގުގެ މައްޗަށް ބާތިލު ވެރިވެގަތުމަށް ހުރަސް އެޅުއްވުމާއި، އިސްލާމީ ދައުވަތުގެ ދުވެލި ކުރިއަށްވުރެ ބާރު ކުރެއްވުމަށް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ އިސްލާމީ ރިސާލަތަށް ދިފާޢީ އައްޑަނައެއް ހޯއްދަވައި ދެއްވުމަށާއި އިސްލާމީ ދައުވަތައިގެން ތެދުވާނެ ގާބިލު ފަހުލަވާނުންތަކެއް ދަސްވެނި ކުރެއްވުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.
ކީރިތި ރަސޫލާގެ ހިޖްރައިގެ ސަބަބުން އިސްލާމީ އިގްތިސާދުގެ އަސާސްތައް ގާއިމްވާކަން ފާހަގަކުރައްވާ، ކީރިތި ރަސޫލާ މަދީނާގައި އައު ބާޒާރެއް ގާއިމްކުރެއްވި ވާހަކައިން ވަނީ އުންމަތުގެ މީހުންނަށް މިސާލުޖައްސަވައި ޚުތުބާގައި ގޮވާލައްވާފައެވެ. ރަސޫލާގެ ބާޒާރަށް ވަންނަ އެއްވެސް މީހެއްގެ އަތުން ފީއެއް ނެގުން ނަހީ ކުރައްވައި، އެ ބާޒާރަކީ ރިބާއާއި، މަކަރާއި ހީލަތް ހެދުން މުޅިން މަނާ، ޝަރަފުވެރިކަމާއެކު ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރަން ޖެހޭ މިނިވަން ބާޒާރެކެވެ.
"ހިޖުރައިން ލިބިދޭ އެހެން ފިލާވަޅަކީ، ގައުމު ބިނާކުރުމުގައި ފިރިހެނުންނާ އެއްގޮތަށް އަންހެނުން ވެސް ބައިވެރިވާން ޖެހޭނެކަން. އެމީހުން ބާކީކޮށްގެން ނުވާނެކަން." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ހިޖުރައިން ދަސްވާ މުހިންމު އެއް ފިލާވަޅަކީ، ވަތަން ދެކެ ލޯބިވުން ކަމަށެވެ. އަދި އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް ރަނގަޅު ކަންތައްތަކަށް ހިޖުރަކުރުން ކަމަށް ޚުތުބާގައި ވަނީ ގޮވައިލާފައެވެ.
"މާތް ﷲގެ އަޅުތަކުންނޭ! މުސްލިމުންނަށް އިއްޒަތާއި، ގަދަރު ލިބުން އޮތީ އެމީހުންގެ އަގީދާގައި ހިފެހެއްޓި މިންވަރަކުން. އަގީދާ ބަލިކަށިވެ އަގީދާގައި ރެނދު އަޅައިފި ނަމަ އެ ބަޔަކު ބަލިވެދާނެ" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ކީރިތި ރަސޫލާ މަދީނާގައި ގާއިމްކުރެއްވި އިސްލާމީ ދައުލަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އޭރު ދުނިޔޭގެ އެންމެ ބޮޑު ދެ ބާރު ކަމަށްވާ ފާރިސީންނާއި ރޯމަނުން ބަލިކުރީ، މުސްލިމުންގެ އަދަދު ގިނަވެގެން ނޫން ކަމަށާއި އަދި ގެންގުޅުނު ހަތިޔާރު މޮޅުވެގެން ނޫން ކަމަށެވެ. އެކަމަކު އެއީ އެމީހުންގެ އަގީދާއައި އީމާންކަން ހަރުދަނާވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.