14 Jul 2023, 11:46
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރީބްރޭންޑްކޮށް ކުންފުނީގެ އާ ލޯގޯއާއި ކުލަ އަދި ބްރޭންޑިން ރޭ ލޯންޗުކޮށްފިއެވެ.
އެމްޕީއެލްގެ އާ ލޯގޯއާއި ކުލަ ރަސްމީކޮށް އިފްތިތާހުކުރީ ރޭ ހެންވޭރު ދަނޑުގައި ބޭއްވި ކުންފުނީގެ ހާއްސަ އަހަރީ ސްޓާފް ނައިޓްގައެވެ.
މިއީ އެމްޕީއެލްގެ 36 އަހަރުގެ ތާރީހުގައި އެ ކުންފުނި ރީ ބްރޭންޑްކުރި ފުރަތަމަ ފަހަރެވެ. ކުރިން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައި ހިންގުމަށް ފަހު 2008 ވަނަ އަހަރުު އެ ކުންފުނި ކޯޕަޓަރައިޒްކޮށް ސަރުކާާރުން 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް އެމްޕީއެލްއިން ބޭނުން ކުރަމުން ދިޔައީ މީގެ 27 އަހަރުކުރިން އެމްޕީއޭއިން ބޭނުން ކުރަމުން އައި ލޯގޯއެވެ.
އެމްޕީއެލްގެ އާ ލޯގޯ ތައާރަފް ކުރައްވާ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިއީ ކުންފުނީގެ ހިދުމަތް ޒަމާނީ ކުރުމުގެ ބައެއް ކަމަށެވެ. އަދި ޕޯޓުގެ ހިދުމަތްތަކަށް ކުރިއެރުން ލިބިއްޖެ ކަމަށާއި ވަރަށް ގިނަ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވިއްޖެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
"އެކަމަކު މިހާތަނަށް ކުންފުނީގެ ބްރޭންޑް އިމޭޖް އަދި ބްރޭންޑިންއެއް ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކުރެވި. ޒަމާނީ ކޯޕަރޭޓް މާހައުލެއްގައި ޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ ޕްލޭންތަކާއެކު މަސައްކަތް ކުރާއިރު ކުންފުނީގެ ބްރޭންޑް އިމޭޖްވެސް ޒަމާނީ ވާން ޖެހޭ" ޝާހިދު ވިދާޅުވިއެވެ.

ހެންވޭރު ދަނޑުގައި ބޭއްވި އެމްޕީއެލްގެ ހާއްސަ އަހަރީ ސްޓާފް ނައިޓްގައި ސީއީއޯ ޝާހިދު އަލީ ވާހަކަދައްކަނީ-- ފޮޓޯ/ އެމްޕީއެލް
ޝާހިދު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޯޕަރޭޓް ގަވާނަންސް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެމްޕީއެލްއިން ބުނީ ރީބްރޭންޑިންއާއެކު ގެނައި އެންމެ މުހިންމު ބަދަލަކީ ޕޯޓު އޮޕަރޭޝަންސްގެ އެކި ދާއިރާތަކާއި ގުޅޭ ގޮތަށް ޔުނީފޯމް ތައްޔާރުކުން ކަމަށެވެ. އެގޮތުން ޒަމާނީ ޕޯޓުތަކުގައި މިހާރު ބޭނުންކުރަމުންދާ ގޮތަށް ޕޯޓުގެ އޮޕަރޭޝަންސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރު ވަކިން ވެސްޓު ލާން ނުޖެހޭނެ ކަމަށާއި އާ ޔުނީފޯމްގައި "ހައި ވިސިބިލިޓީ" ފަށްތައް ވެސް ހިމަނައިފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.