ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު އަދި ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު އޮންގް ބެންގް ސެންގްގެ ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކުރުމަށް ނޯޓިސް ދީފިއެވެ.

އޭނާގެ މައްޗަށް ތަހުގީގުކުރަމުން އަންނަނީ ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންއާ ގުޅުން ހުރި މައްސަލައެކެވެ. އެ މައްސަލަ އެ ގައުމުގެ ކޮރަޕްޓް ޕްރެކްޓިސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރަށް ވެސް ވަނީ ގޭގައި މަޑުކުރުމަށް އަންގައިފައެވެ.

ސިންގަޕޫރު އެކްސްޗޭންޖު ވެބްސައިޓުގައި މިއަދު ކުރި އިއުލާނެއްގައި އެ ކުންފުނިން ބުނީ އޮންގްގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވާ ކަމަށެވެ.

އޮންގް އެނބުރި ސިންގަޕޫރަށް ވަޑައިގަތުމާއި އެކު ޕާސްޕޯޓް ސީޕީއައިބީއަށް ހަވާލުކުރަން ޖެހޭނެއެވެ. އަދި އޭނާ ހައްޔަރުކުރުމުގެ ނޯޓިސްގެ ދަށުން އޭނާއަށް އެއް ލައްކަ ޑޮލަރު (343،358 ސިންގަޕޫރު ޑޮލަރު) ދައްކަންޖެހެއެވެ.

އުމުރުން 77 އަހަރުގެ އޮންގެ އަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކާއި ގުޅުން އޮންނަ ވިޔަފާރިވެރިއެކެވެ.

އޮންގެ އެޗްޕީއެލް ކުންފުނީގެ ދަށުން ރާއްޖޭގައި އަށް ރިސޯޓުވެސް ހިންގައެވެ. އޭގެ ތެރޭގައި:

  1. ކ. ގިލި ލަންކަންފުށި

  2. ކ. ހޮލިޑޭއިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް
  3. ކ. ފޯ ސީޒަންސް މޯލްޑިވްސް އެޓް ކުޑަ ހުރާ
  4. ބ. ފޯ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު
  5. ބ. ފޯ ސީޒަންސް މޯލްޑިވްސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް
  6. ރ. އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގާ
  7. ލ. ސިކްސް ސެންސަސް ލާމު
  8. ޅ. ކަނުހުރާ

ކޮވިޑްގެ ދަތި ހާލަތުގައިވެސް އޮންގް ވަނީ ރާއްޖެއަށް ބޮޑެތި އެހީތެރިކަން ފޯރުކޯށްދީފައެވެ. އެގޮތުން އެޗްޕީއެލްއިން ވަނީ 15 ވެންޓިލޭޓަރެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި 100,000 މާސްކް ވެސް އެ ކުންފުނިން ވަނީ ހަދިޔާ ކޮށްފައެވެ.