މުޅި ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ގައުމީ ލީގެއް ފެށުމަށް ހިޔާލު ހޯދުމުގެ ގޮތުން ފުޓުބޯޅަ ކޮންފަރެންސެއް ބާއްވުމަށް "ސޭވް އެފްއޭއެމް" އިން ނިންމައިފިއެވެ.

"ސޭވް އެފްއޭއެމް" އަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ފުޓުބޯޅައިގެ ތަޖުރިބާކާރުންތަކެއް އިސްވެ ހުރެ ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް އެއީ އެފްއޭމްގެ ވެރިން ބަދަލުކުރުމަށް ހިންގާ ހަރަކާތެއް ނޫން ކަމަށް "ސޭވް އެފްއޭއެމް" ހިންގާ ފަރާތުން ބުނެފައިވެއެވެ.

"ސޭވް އެފްއޭއެމް" އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ އާ ލީގެއް ތައާރަފުކުރުމަށް ދައްކާ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ އެހެން ބަޔަކާ ހަވާލުކުރިޔަސް ރަނގަޅަށް ހިންގޭނެ ކަމެއް ކަމަށެވެ.

"މިއީ އެފްއޭއެމްގެ ތެރެއިން ހިންގަން ޖެހޭނެ ކަމެއް ވެސް ނޫން. އެކަން ދެނެވަޑައިގަންނަވާނެ ރާއްޖެއިން ބޭރުގެ ތަޖުރިބާ ހުރި މީހުންނަށް ވެސް. އަޅުގަނޑުމެންނަށް ބޭނުންވެފައި މިތިބީ ރަނގަޅު ކްލަބު މެނޭޖަރުން. ބޮޑެތި ގައުމުތަކުގައި ގިނަ މީހުން ނުވެސް ދަންނާނެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސެއް. ގިނަ މީހުން ދަންނާނީ ކޯޗުންނާއި މެނޭޖަރުންނާއި އެޑްމިނިސްޓްރޭޓަރުން،" އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ޑިރެކްޓާ އޮފް ފުޓްބޯލް އަދި ނިލަންދޫ ސްޕޯޓްސް ކްލަބުގެ ރައީސް އަންވަރު އަލީ ވިދާޅުވީ ތަފާތު އެކިއެކި މުބާރާތްތައް ބޭއްވުމަށް ރާއްޖެއަށް ފައިސާ ލިބޭ ކަމަށާއި ފުޓުބޯޅައަކީ ރާއްޖޭގެ ވަރަށް ބޮޑު މާކެޓެއް އޮތް ކުޅިވަރެއް ކަމަށެވެ. އެހެންކަމުން މަސައްކަތްކޮށްފިއްޔާ، ފުޓުބޯޅަ ހިންގުމަށް ސްޕޮންސާ ހޯދުމަކީ އުނދަގޫކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ސްޕޮންސާޝިޕް ހޯދައިގެން މިވަރުގެ މުބާރާތެއް ނުބޭއްވޭ ވަރެއް ނުވާނެ. މިފަދަ މުބާރާތެއް ބޭއްވުމުގެ ކުރިން އަޅުގަނޑުމެން ބަލައިލަން ޖެހޭނެ ކަމަކީ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށްގެން އެ މުބާރާތް އިންތިޒާމު ކުރެވިގެން ދިއުން. މިސާލަކަށް މިހާރު އަތޮޅުތެރޭގައި މި ބޭއްވޭ މުބާރާތްތަކަކީ އަތޮޅުތެރޭގެ އެއްވެސް ބައިވެރިވުމެއް ނެތި އޯގަނައިޒް ކުރެވޭނެ މުބާރާތަކަށް ވެގެން މިދަނީ. އެހެންވީމާ އަތޮޅުތެރޭގައި ހުރި ދަތިތަކެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ. މިއީ ރަނގަޅަށް އޯގަނައިޒް ކޮށްފިއްޔާ ނުކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ގައުމީ ފުޓުބޯޅަ ކޮންފަރެންސާ ގުޅޭގޮތުން ހާމިދު ވިދާޅުވީ އެ ކޮންފަރެންސެއްގެ ބޭނުމަކީ މިކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ހުށަހަޅައި ގޮތްތަކެއް ހޯދުން ކަމަށާއި އެފްއޭއެމްގެ ހާލަތު ގޯސްވެ، ފުޓުބޯޅަ ހިންގޭނެ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް ކޮންމެވެސް ނިޒާމެއް ހޯދުމަށް މަޝްވަރާކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެގޮތުން އެއް ހިޔާލަކީ އައުޓްސޯސް ކުރުން، ކޮންމެވެސް ބަޔަކު ހިންގަން. މިއީ އާކަމެއް ވެސް ނޫން، ވަކި ގޮތަކަށް ކުރަން ޖެހޭނެ ކަމެއް ނޫން، ފީފާގެ ފޮތް ނެގީމަ ފުދޭނެ. އަނެއްކާ މިކަން ކުރަން އެނގޭނެ ބަޔަކު ނެތީކީ ވެސް ނޫން، ރާއްޖޭގައި އެބަތިބި ބައިވަރު މޮޅެތި މީހުން. އެހެންވީމާ އަޅުގަނޑުމެންނަށް ބޭނުންވަނީ މިކަމުގައި ބައިވެރިވެ، މިކަމުގައި ހުރި މައްސަލަތައް އޮޅުންފިލުވައި، މި ވާހަކަތައް އަޑު އިއްވުން،" އޭނާ ވިދާޅުވިއެވެ.

ހާމިދުގެ ވާހަކަތަކާ ގުޅުވައިގެން އަންވަރު ވިދާޅުވީ އެ ކޮންފަރެންސްގެ އެންމެ މުހިންމު މަގުސަދަކަށް ވެގެންދާނީ އަތޮޅުތެރޭގައި ކްލަބުތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ކަންތައްތަކުން އަރައިގަނެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، މިހާރު އަނަރޫފަވެފައިވާ ފުޓުބޯޅައިގެ ހާލަތު އުޖާލާކުރުމަށްޓަކައި ޕޭޕަރެއް ތައްޔާރުކޮށްގެން ކަމާ ގުޅުންހުރި ފަރާތްތަކަށް އޭތި ގެންދިއުން ކަމަށެވެ.

"އެފްއޭއެމްއާ މަޝްވަރާކޮށްގެން ވިޔަސް ރަނގަޅު ނިޒާމަކަށް ފައްތާލުން އެންމެ ބޮޑު މަގުސަދަކަށް ވެގެންދަނީ. އަޅުގަނޑުމެން އަތޮޅުތެރޭގައި ހުރި ޓީމުތައް ވެސް މަދެއް ނޫން، އަތޮޅުތެރޭގައި ބާއްވާ މުބާރާތްތައް ވެސް މަދެއް ނޫން. އެ މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކުގެ ހުންނާނެ ތަފާތު އެކި ތަޖުރިބާ ވެސް. އެފަދަ އިންޓަރެސްޓް ހުރި ފަރާތްތައް އެއް މޭޒަށް އައިސް މަޝްވަރާކުރުމަށްފަހުގައި އަޅުގަނޑުމެން ތައްޔާރުކުރާނީ ޕޭޕަރެއް. އެ ޕޭޕަރު އަޅުގަނޑުމެން ހުށަހަޅާނަން އެފްއޭއެމަށް ވެސް. ޕޮލިސީ ނިންމުންތަކެއް ނިންމަން ޖެހެންޏާ، ސަރުކާރާ ވެސް މަޝްވަރާކުރާނަން،" އޭނާ ވިދާޅުވިއެވެ.

"ސޭވް އެފްއޭމް" އިން ވަނީ ގައުމީ ލީގެއް ހިންގުމަށް ޑްރާފްޓެއް ވެސް އެކުލަވާލައިފައެވެ. އެގޮތުން އެ ލީގުގައި ފުރަތަމަ ހަތް ޓީމު ހިމެނޭގޮތަށް ކުރިއަށްގެންދިއުމަށް ވަނީ ރާވައިފައެވެ. އެ ޓީމުތަކަކީ އަތޮޅު ބުރެއް ކުޅުމަށްފަހު، ޒޯން ބުރުން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ. އަދި ގައުމީ ލީގު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން މާލެ ވެސް ހިމަނައިގެންނެވެ.

ގައުމީ ލީގު ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރާ އިރު، ލީގު ނިންމުމަށް ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ. ޖުމުލަ 42 މެޗު ކުޅޭ އެ ލީގު ކުޅުމަށް ހަމަޖެހިފައިވަނީ ހަފުތާ ބަންދު ދުވަސްތަކުގައެވެ.

"ސޭވް އެފްއޭމް" އިން ގައުމީ ލީގުގެ ފޯމެޓުގެ ސާމްޕަލެއް އެކުލަވާލި ނަމަވެސް، އެ ލީގު ކުރިއަށްގެންދާނެ ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ގައުމީ ކޮންފަރެންސްގައި ހިޔާލު ހޯދުމަށްފަހުއެވެ. އެ ގައުމީ ކޮންފަރެންސް ބާއްވާނެ ވަކި ތާރީހެއް "ސޭވް އެފްއޭއެމް" އިން އަދި ނިންމައިފައެއް ނުވެއެވެ.